ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާއަށް ހޮނިހިރު ދުވަހުގެރޭ ފުރާވަޑައިގެންފިއެވެ.
ޗީފް އޮފް ޑިފެންސް ފޯސްއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ދެންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު އާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި ޗީފް އޮފް ޑިފެންސް ފޯސް، މެލޭޝިއާއަށް ކުރައްވާ މި ދަތުރުފުޅަކީ "16 ވަނަ ޑިފެންސް ސަރވިސް އޭޝިއާ އެކްޒިބިޝަން އެންޑް ކޮންފަރެންސް" ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސް އޮންނާނީ މިމަހުގެ 16 އިން 18 އަށެވެ. މި ކޮންފަރެންސްގައި، ދުނިޔޭގެ 60 އަށް ވުރެ ގިނަ ޤައުމުތަކަށް ނިސްބަތްވާ ވަފުދުތަކުން ބައިވެރިވާއިރު، އޭގެ ތެރޭގައި ޤައުމުތަކުގެ އަސްކަރިއްޔާގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ޗީފް އޮފް ޑިފެންސް ފޯސް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.