ކ. މާލެ
|
14 އޭޕްރިލް 2018 | ހޮނިހިރު 18:12
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
ގެޓީ އިމޭޖަސް
މެންޗެސްޓާ ސިޓީ
ގާޑިއޯލާ، ސިޓީއަށް ތަށި ގެއްލިދާނެ ކަމުގެ ބިރުގައި
އެ ޓީމު މި ސީޒަނުގެ ޕްރިމިއާ ލީގުގައި ބަލިވީ އެންމެ ދެ މެޗުން

މެންޗެސްޓާ ސިޓީއަށް ޕްރިމިއާ ލީގުގެ ތަށި ގެއްލިދާނެ ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ޕްރިމިއާ ލީގުގައި ބާކީ ހަ މެޗު އޮތްއިރު ސިޓީ އޮތީ ތާވަލުގެ ދެވަނައިގައި އޮތް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށް ވުރެ 13 ޕޮއިންޓް ކުރީގައެވެ. ސިޓީއަށް އެ ލީޑު 16 ޕޮއިންޓަށް ފުޅާކުރެވެން އޮތް ނަމަވެސް މެންޗެސްޓާ ޔުނައިޓެޑް އަތުން މިދިޔަ ހަފްތާގައި ބަލިވެ ސިޓީއަށް ވަނީ އެ ދޮރު ބަންދުވެފައެވެ.

ޖެހިޖިހިގެން ތިން މެޗުން ބަލިވުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ މިއީ ފުޓްބޯޅަ ކަމަށާއި އެހެންކަމުން ސިޓީއަށް ތަށި ގެއްލުމަކީ ވެސް ހަމަވެދާނެ ކަމެއް ކަމަށެވެ. އޭނާ ބުނީ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މީހުން ބުނަމުންދިޔައީ ސިޓީއަށް ޕޮއިންޓް ނުގެއްލޭނެ ކަމަށާއި މިހާރު ވަމުންދަނީ އެމީހުން ދެއްކި ވާހަކައިގެ އިދިކޮޅު ކަމަށެވެ. އޭނާ ބުނީ މިހާރު ޔުނައިޓެޑް އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށާއި ކުރިޔަށް އޮތް ހަ މެޗު ކާމިޔާބުކޮށް އެ ޓީމަށް ބޮޑު ޗެލެންޖެއް ދެވޭނެ ކަމަށެވެ.

ގާޑިއޯލާ ބުނީ މިހާރު ހުރިހާ ކަމެއް ވެސް އޮތީ އަމިއްލަ އަތް މަތީގައި ކަމަށާއި އެއީ ލިބިފައިވާ ބޮޑު އެޑްވާންޓޭޖެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އޭނާ ބުނީ އެއް ހަފްތާ ތެރޭ ތިން މެޗުން ބަލިވެއްޖެ ކަމަށާއި އެހެންކަމުން ކުރިޔަށް ހުރި މެޗުތަކަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭން ޖެހޭ ކަމަށެވެ.

ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗުން ސިޓީ މޮޅުވެ ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅޭ މެޗުން މެންޗެސްތާ ޔުނައިޓެޑް ބަލިވެއްޖެނަމަ އެ ޓީމަށް ޕްރިމިއާ ލީގުގެ ތަށި ޔަގީންވެގެންދާނެއެވެ. ދެ ޓީމު ވެސް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެޕްރީލް މަހުގެ 22 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ސްވަންސީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ސިޓީއަށް ތަށި ޔަގީން ކުރެވޭނެއެވެ.

ގާޑިއޯލާ ބުނީ އޭނާ ކުޅުންތެރިންނަށް ވިސްނުވައިދެނީ ތަށި ޔަގީންނުވާކަން ކަމަށާއި ފަސޭހަ ކުރުމަށް އެއްވެސް ވަރަކަށް ހިތްވަރު ނުދޭނެ ކަމަށެވެ. އޭނާ ބުނީ ދެ މެޗުން މޮޅުވެގެން ތަށި ޔަގީންކުރެވެން އެބައޮތް ކަމަށާއި މީގެކުރިން ވެސް ކަންކަން ކޮށްފައިވާ ގޮތަށް މޮޅު ކުޅުމެއް ދައްކައި އެ ދެ މެޗު ވެސް ކާމިޔާބު ކުރަން ބޭނުންވާ ކަމަށެވެ.

ގާޑިއޯލާގެ ދަށުން ސިޓީ މި ސީޒަނުގެ މިހާތަނަށް އިނގިރޭސި ލީގު ކަޕް ކާމިޔާބުކޮށްފައިވާއިރު އެ ޓީމަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްދެވުން ވެގެންދާނީ ގާޑިއޯލާގެ ކެރިއަރުގައި އޭނާއަށް ލިބޭ ބޮޑު ކާމިޔާބެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. މިހާރު ވެސް ސިޓީއިން ވަނީ ޕްރިމިއާ ލީގުގެ ގިނަ ރެކޯޑުތަކެއް މުގުރާލާފައެވެ.

ކުޅުނު 32 މެޗުން ލިބުނު 84 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ސިޓީ އޮތްއިރު އެ ޓީމު މި ސީޒަނުގެ ޕްރިމިއާ ލީގުގައި ބަލިވީ އެންމެ ދެ މެޗުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް