ކ. މާލެ
|
14 އޭޕްރިލް 2018 | ހޮނިހިރު 17:49
މި އެވޯޑަށް ވާދަކުރާ ކުޅުންތެރިން
މި އެވޯޑަށް ވާދަކުރާ ކުޅުންތެރިން
އޭޕީ
ޕީއެފްއޭ އެވޯޑްސް
ޕީއެފްއޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިން އިއުލާނު ކޮށްފި
މި އެވޯޑަށް ނޮމިނޭޓްވާ ކުޅުންތެރިންނަކީ ސީޒަން ފެށުނުއިރު އުމުރުން 24 އަހަރު ނުވާ ކުޅުންތެރިން

އިނގިރޭސިވިލާތާއި ވޭލްސްގެ ފުޓްބޯޅަ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޕްރޮފެޝަނަލް ފުޓްބޯލްސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ކޮންމެ ސީޒަނެއްގައި ހޮވާ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓު އާންމުކޮށްފިއެވެ.

މި އެވޯޑަށް ނޮމިނޭޓްވާ ކުޅުންތެރިންނަކީ ސީޒަން ފެށުނުއިރު އުމުރުން 24 އަހަރު ނުވާ ކުޅުންތެރިންނެވެ. މި ލިސްޓުގައި ހިމެނެނީ މެންޗެސްޓާ ސިޓީގެ ދެ ވިންގަރުން ކަމަށްވާ ލެރޯއި ސާނޭ އާއި ރަހީމް ސްޓާލިން އާއި އެ ޓީމުގެ ކީޕަރު އެޑާސަން މޮއާރޭސް އާއި ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން އަދި މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑް އަދި ފުލަމްގެ ޑިފެންޑަރު ރަޔާން ސެސެންޔޯންއެވެ.

މި އެވޯޑު ގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ މެންޗެސްޓާ ސިޓީގެ ވިންގަރ ލެރޯއި ސާނޭއެވެ. އޭނާގެ މޮޅު ކުޅުމާއެކު ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 13 ޕޮއިންޓްގެ ލީޑަކާއެކު ސިޓީ އޮތްއިރު ސާނޭ ވަނީ އެ ޓީމަށް 13 ލަނޑު ޖަހާ 16 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. ހަމައެހެންމެ އޭނާއާއެކު މި އެވޯޑަށް ވާދަކުރާ ސްޓާލިން ވެސް އަންނަނީ މި ސީޒަނުގައި ތަފާތު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ އެ ޓީމަށް 16 ލަނޑު ޖަހައިދީފައެވެ. އެހެން ނަމަވެސް ސީޒަނުގެ މެދުތެރެއިން ދިމާވި އަނިޔާގެ މައްސަލަތަކުގެ ސަބަބުން އޭނާއަށް ގިނަ މެޗުތަކެއް ގެއްލިގެންދިޔައެވެ.

 ސިޓީގެ ކީޕަރު އެޑާސަންއަކީ މިވަގުތު ޕްރިމިއާ ލީގުގައި ހުރި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކުދެކެއެވެ. މި އެވޯޑު މީގެކުރިން ހޯދާފައިވާ ހަމައެކަނި ކީޕަރަކީ 1978 ވަނަ އަހަރު މި އެވޯޑު ގެންދިޔަ ޕީޓާ ޝިލްޓަންއެވެ. އެޑާސަން ވަނީ މި ސީޒަނުގައި އޭނާ ކުޅުނު މެޗުތަކުގެ ތެރެއިން 14 މެޗެއްގައި އިދިކޮޅު ޓީމަށް ލަނޑެއް ޖެހިޔަނުދީ ހިފަހައްޓާފައެވެ.

މި އެވޯޑަށް ނޮމިނޭޓްވި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރަޝްފޯޑް ވަނީ ޕްރިމިއާ ލީގުގައި އެ ޓީމަށް ކުޅުނު 29 މެޗުގައި ހަ ލަނޑު ޖަހައިދީފައެވެ.

މި ކުޅުންތެރިގެ ތެރޭގައި ހިމެނޭ އެންމެ ޒުވާން ކުޅުންތެރިޔަކީ ފުލަމްއަށް ކުޅެމުން އަންނަ އުމުރުން 17 އަހަރުގެ ޑިފެންޑަރު ރަޔާން ސެސެންޔޯން ވަނީ އެ ޓީމަށް ކުޅުނު 38 މެޗުގައި 14 ލަނޑު ޖަހާފައެވެ. އޭނާ ވެގެންގޮސްފައިވަނީ 1983 ވަނަ އަހަރުގެ ފަހުން މި އެވޯޑަށް ނޮމިނޭޓްވި އިނގިރޭސި ފުރަތަމަ ޑިވިޝަނަށް ނިސްބަތްނުވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މިފަހަރުގެ އެވޯޑަށް ވެސް ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭން ނޮމިނޭޓްވިއިރު އޭނާ އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަނުގެ މިހާތަނަށް ކޭން 25 ލަނޑު ޖަހާފައިވާއިރު މިއީ ޖެހިޖެހިގެން ހަތަރު ސީޒަނުގައި ކޭން މި އެވޯޑަށް ނޮމިނޭޓްވި ފަހަރެވެ.

މިދިޔަ ދެ ސީޒަނުގައި ވެސް މި އެވޯޑު ހޯދި ޓޮޓެންހަމްގެ މިޑްފީލްޑަރު ޑެލޭ އަލީ މިފަހަރުގެ އެވޯޑަށް ނޮމިނޭޓް ވެފައެއް ނުވެއެވެ. ޕީއެފްއޭގެ މެމްބަރުންގެ ވޯޓާއެކު މި އެވޯޑަށް ހޮވޭ ކުޅުންތެރިޔަކު އިއުލާނުކުރާނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް