ޑީއާރްޕީގެ ކުރީގެ ލީޑަރު އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ތަސްމީން އަލީ ދައްކަން ޖެހުނު ދަރަންޏެއް، އެއް މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށް ދަށު ކޯޓުން ކުރި ހުކުމެއް، ހައި ކޯޓުން ބަދަލު ގެނެސްފިއެވެ.
ހައި ކޯޓުން ބަދަލު ގެނެސްފައި ވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސިވިލް ކޯޓުން ތަސްމީންގެ މައްޗަށް ކުރި ހުކުމެކެވެ. އެ ހުކުމްގައި ބުނެފައި ވަނީ ވިލިގިލީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާމިޒު، ތަސްމީނަށް 20،000 ޑޮލަރު (308،400 ރުފިޔާ) ދޫކޮށްފައިވާ ކަމަށާއި އެ ދަރަނި ދައްކަން ކަނޑައެޅި މުއްދަތުގައި ދައްކާ ހަލާސްކޮށްފައި ނުވާ ކަމަށެވެ. އަދި ރާމިޒަށް ތަސްމީން ދޫކުރި ޗެކަށް ވެސް ފައިސާ ލިބިފައި ނުވާ ކަމަށް ހުކުމްގައި ވެއެވެ.
އެ ފައިސާއަކީ ރާމިޒަށް ދައްކަންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ތަސްމީންގެ މައްޗަށް ހުކުމްކޮށްފައި ވަނީ އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސް ކުރުމަށެވެ. އަދި އެ މައްސަލަ ކޯޓަށް ހުށަހަޅަން ޖެހުމުން ވަކީލުގެ ފީގެ ގޮތުގައި ރާމިޒު ދައްކަން ޖެހުނު 30،000ރ. ވެސް ތަސްމީން ދައްކަންޖެހޭނެ ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމްގައިވެއެވެ.
އެ ހުކުމާ މެދު ހިތްހަމަނުޖެހިގެން ތަސްމީންގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ ބެލި ހައި ކޯޓުގެ ތިން ފަނޑިޔާރުން މިދިޔަ ބުދަ ދުވަހު ނިންމާފައި ވަނީ ސިވިލް ކޯޓުގެ އެ ހުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. އެގޮތުން ވަކީލުންގެ ފީގެ ގޮތުގައި 30،000ރ. ތަސްމީން އަތުން ނަގައި ދިނުމަށް ދަށު ކޯޓުގެ ހުކުމްގައި ކަނޑައެޅި ބައި ހައި ކޯޓުން ވަނީ ބާތިލުކޮށްފައެވެ.
އެ ބައި އުނިކުރި ސަބަބަކީ ދަރަނީގެ ފައިސާ ނުދެއްކިއްޖެ ހާލަތެއްގައި ކުރަންޖެހޭ ގާނޫނީ މަސައްކަތަށް ހަރަދުވާ ފައިސާ ދެއްކުމަށް އެ ދެ ބޭފުޅުންގެ ދެމެދުގައި އެއްބަސްވުމެއް ހެދިފައި ނުވުމެވެ.