ކ. މާލެ
|
13 އޭޕްރިލް 2018 | ހުކުރު 19:06
ދޯންޏަކުން ބަސް ބާނައި ތައްޓުމަތި ފުރާލާފައި
ދޯންޏަކުން ބަސް ބާނައި ތައްޓުމަތި ފުރާލާފައި
ޓްވިޓަރ
ރާއްޖޭގެ މަސްވެރިކަން
ހަފްތާއެއްގެ ތެރޭގައި މަސްވެރިއަކަށް 25،000 ރުފިޔާ ޖެހުނު
 
އައިސް ނުލިބިގެން ބައެއް މަސްވެރިން މަހަކަށް ނުފުރާ
 
ބައެއް މަސްވެރިންނަށް 30،000 ރުފިޔާ ލިބިފައިވޭ
 
ހަފްތާއެއްގެ ތެރޭގައި ދޯނިތަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ

ރެކޯޑު އަދަދަކަށް މިދިޔަ ހަފްތާގައި މަސް ބޭނުމުން، މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ބައެއް ދޯނިތަކަށް ލިބިފައިވާ ކަމަށާއި އެވްރެޖުކޮށް މަސްވެރިއަކަށް 25،000 ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މަސްވެރިން ބުނެފިއެވެ.

އަދާޔާ ހިފާލަށް މަސްވެރިކަން ރަނގަޅުވުމުން، އެންމެން ވެސް އުންމީދުކޮށްގެން ތިބީ މަސްވެރިންގެ އަތްމަތި ތަނަވަސް ވެގެންދާނެ ކަމަށެވެ. ކަން ދިމާވީ ވެސް އެގޮތަށެވެ. ދެކުނުގައި މަސްވެރިކަން ކުރި ދޯނިތަކަށް އެވްރެޖުކޮށް ހަފްތާއެއްގެ ތެރޭގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލިބުނެވެ. ދޯނިތަކަށް ލިބުނު ފައިސާ ހަފްތާ ނިމުމާއެކު، މަސްވެރިންނަށް ވަނީ ބަހާފައެވެ.

ގދ. ފަރެސްމާތޮޑާ "ސަފީނާ" ދޯނީގެ ކެޔޮޅު ހުސައިން މަނިކު "ރާއްޖެއެމްވީ"އަށް ބުނީ އެ ދޯންޏަށް ނިމުނު ހަފްތާ ތެރޭގައި 1.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި ކޮންމެ މަސްވެރިއަކަށް ހަފްތާ ތެރޭގައި 25،000އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށާއި ފީނުމުގެ މަސައްކަތުގައި އުޅުނު މަސްވެރިންނަށް 30،000 ރުފިޔާ ލިބުނު ކަމަށް ހުސައިން މަނިކު ބުންޏެވެ.

ސަފީނާ ދޯންޏަކީ އެއް ދުވަހެއްގެ ތެރޭގައި ރެކޯޑު އަދަދަކަށް މަސް ބޭނި ދޯންޏެވެ. އެ ދޯނިން މިދިޔަ ހޮނިހިރު ދުވަހު ވަނީ 43 ޓަނުގެ މަސް ބާނާފައެވެ. ބައްތިރީސް ފަޅުވެރިންނާއެކު ދެކުނުގައި މަސްވެރިކަން ކުރާ ސަފީނާ ދޯންޏަކީ އެއްފަހަރާ 100 ޓަނުގެ މަސް ބޭނުމުގެ ގާބިލުކަން ލިބިފައިވަ ދޯންޏެއް ކަމަށް އެ ދޯނީގެ ކެޔޮޅު ބުންޏެވެ.

ނަމަވެސް އެކަށީގެންވާ ވަރަށް މިފްކޯއިން އައިސް ފޯރުކޮށް ނުދޭތީ، ބާނާ މަސް ކުނިވެދާނެ ކަމުގެ ބިރައްޓަކައި އެ ދޯނިން މަސް ބާނަނީ ކޮންޓްރޯލު ކޮށްގެންނެވެ. މަސްވެރިކަން ރަނގަޅުވި ހަފްތާގައި ވެސް، އައިސް ނުލިބިގެން ދެ ދުވަހު އެ ދޯނި މަހަކަށް ނުފުރައެވެ. އެންމެ ފަހުން ޖެހުނީ ދިގު ދަތުރެއްކޮށްފައި، ފުވައްމުލަކަށް ގޮސް އަމިއްލަ ބައެއްގެ އަތުން ބޮޑު އަގުގައި އައިސް ގަންނާށެވެ.

"ކުއްޑޫއަކުން އައިސްއެއް ނުލިބޭ. ފަރެސްމާތޮޑާއަކުން އަދި ދެއްވަދޫއަކުން ވެސް އައިސްއެއް ނުލިބޭ. އެއްވެސް ގޮތަކަށް ނުލިބިގެން މިދިޔަ ހަފްތާގެ ހޯމަ އަންގާރައިގައި މަހަކަށް ނުދަން،" އުމުރުން 53 އަހަރުގެ ކެޔޮޅު ހުސައިން މަނިކު ބުންޏެވެ.

"އެންމެ ފަހުން ޖެހުނީ ފުވައްމުލަކަށް ގޮސްގެން ބޮޑު އަގުގައި އައިސް ގަނެގެން މަހަށް ފުރަން. ބުދަ ބުރާސްފަތީގައި މަހަށް ދިޔައީ ފުވައްމުލަކުން ބޮޑު އަގުގައި އައިސްގަނެގެން،"

މިފްކޯއިން ދެކުނުގައި އަށް އައިސްޕްލާންޓު ގާއިމުކޮށްފައިވާއިރު، އެތަންތަނުން މަސްވެރިންނަށް އައިސް ނުލިބޭކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. ނަމަވެސް މިފްކޯއިން މަސްވެރިންގެ ވާހަކަތައް ދޮގުކުރެއެވެ. ބައެއް ދޯނިތަކުން ބާނާ މަހަށް ފައިސާ ނުދީ ބިލުކުރާ ކަމުގެ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ. ނަމަވެސް މިދިޔަ ހަފްތާގައި ބިލު ކުރި ދޯނިތަކަށް މިފްކޯއިން ވަނީ ފައިސާ ދޫކޮށްފައެވެ.

މިދިޔަ ހަފްތާގައި މަސްވެރިންނަށް އައިސް ލިބުމުގައި ދަތިތަކާ ކުރިމަތި ނުވި ނަމަ، ބައެއް ދޯނިތަކަށް ދެ މިލިއަނާ ގާތް ކުރާ އަދަދަކަށް ފައިސާ ލިބޭނެ ކަމަށް މަސްވެރިން އަންދާޒާ ކުރެއެވެ. އަދި އެވްރެޖުކޮށް ކޮންމެ މަސްވެރިއަކަށް ހަފްތާއެއްގެ ތެރޭގައި 40،000 ވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ވެސް އަންދާޒާ ކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
0%
0%
0%
100%
ކޮމެންޓް