ބަޔާން މިއުނިކްގެ ކޯޗުގެ މަގާމަށް ކްރޮއޭޝިއާގެ ނިކޯ ކޮވާޗް އައްޔަނުކޮށްފިއެވެ.
ކޮވާޗް އެ މަގާމަށް އައްޔަނުކޮށްފައިވަނީ އެ މަގާމުގައި މިހާރު ހުރި ޖުޕް ހެއިންކޭސް މި ސީޒަނަށް ފަހު އެ މަގާމު ދޫކޮށްލަން ނިންމާފައިވާތީއެވެ. ހެއިންކޭސް އެ މަގާމާއި ހަވާލުވީ އެ މަގާމުގައި މީގެކުރިން ހުރި އިޓަލީގެ ކާލޯ އަންޗެލޯޓީ އެ މަގާމުން ވަކިކުރުމާއެކުއެވެ. ހެއިންކޭސް ވަނީ އެ މަގާމާއި ހަވާލުވުމަށްފަހު ބަޔާންއަށް ޖަރުމަނު ބުންޑެސްލީގާގެ ތަށި ކާމިޔާބުކޮށްދީފައެވެ. ހަމައެހެންމެ އެ ޓީމަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ.
މި ސީޒަނަށްފަހު ހެއިންކޭސް އެ މަގާމު ދޫކޮށްލާއިރު އޭނާގެ ބަދަލުގައި އެ މަގާމަށް އައްޔަނުކުރެވުނު ކޮވާޗް ވަނީ އެ ޓީމަށް މީގެ ކުރިން ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެފައެވެ. ކްރޮއޭޝިއާގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި ކޮވާޗް ވަނީ ބަޔާންއަށް 2001 ވަނަ އަހަރުން ފެށިގެން 2003 ވަނަ އަހަރަށް ކުޅެފައެވެ.
މީގެކުރިން ކްރޮއޭޝިއާގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމު ވެސް އަދާކުރި ކޮވާޗް ވަނީ ބަޔާންއާއެކު ތިންއަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އުމުރުން 46 އަހަރުގެ ކޮވާޗް ބަޔާންގެ ކޯޗުގެ މަގާމާއި ރަސްމީ ގޮތުން ހަވާލުވާނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ. މިހާރު ވެސް ކޮވާޗް އަންނަނީ ބުންޑެސްލީގާގެ ޓީމެއް ކަމަށްވާ އެއިންޓްރެކްޓް ފްރެންކްފާޓްގެ ކޯޗުގެ މަގާމު އަދާކުރަމުންނެވެ. އެ ޓީމާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2019 ވަނަ އަހަރު ކަމަށްވާއިރު އޭނާގެ ސޮއި ހޯދުމަށް ބަޔާންއިން ވަނީ 2.2 މިލިއަން ޔޫރޯ ދައްކާފައެވެ.
ބަޔާންގެ ސްޕޯޓިން ޑިރެކްޓަރ ހަސާން ސަލިހަމިޑްޒިޗް ބުނެފައިވަނީ ކޮވާޗް އަކީ ބަޔާންގެ ކަންކަން ވަރަށް ރަނގަޅަށް އެނގޭ މީހެއް ކަމަށާއި ބަޔާންގެ މުސްތަގުބަލު ބިނާކުރުމަށް އޭނާއަކީ އެންމެ ރަނގަޅު ކޯޗުގެ ގޮތުގައި ބަޔާންގެ މެނޭޖްމަންޓުން ދެކޭ ކަމަށެވެ. ކޮވާޗް އާއެކު އޭނާގެ ކޮއްކޮ ރޮބާޓް ކޮވާޗް ބަޔާންގެ އެސިސްޓަންޓް ކޯޗުގެ މަގާމާއި ހަވާލުވާނެއެވެ.
ބަޔާންގެ ކޯޗުގެ މަގާމަށް ކޮވާޗް އައްޔަނުކޮށްފައިވާއިރު އެ މަގާމަށް ދުނިޔޭގެ ފުޓްބޯޅައިގައި ހަރަކާތްތެރިވާ ނަން މަޝްހޫރު ކޯޗެއް ގެންނަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯ އަދި ޖަރުމަނު ގައުމީ ޓީމުގެ ކޯޗު ޖުޕް ހެއިންކޭސް އަދި ބޮރޫޝިއާ ޑޯޓްމަންޑްގެ ކޯޗު ތޯމަސް ޓުޗެލް ފަދަ ކޯޗުން އެ މަގާމަށް ގެންނަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.