ކ. މާލެ
|
13 އޭޕްރިލް 2018 | ހުކުރު 04:55
ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު
ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު
ފާތިމަތު ޝަނާ މުހައްމަދު
ޖެންޑަރ އީކުއަލިޓީ މެނިފެސްޓޯ
ގައުމުގެ ސިޔާސަތުތައް އެކުލަވާލުމުގައި މިހާރަށް ވުރެ ބޮޑަށް އަންހެނުން ބައިވެރިވާންޖެހޭ: ދިޔާނާ
 
އަންހެނުން ކުރިއަށް ނިކުތުމަށް ގޮންޖެހުންތަކެއް އެބަހުރި
 
އަންހެނުން މިހާރަށް ވުރެ ގައުމުގެ އިސް ސަފުގައި ފެންނަން ޖެހޭ
 
ސިޔާސަތުތައް އެކުލަވާލާ ފަންތީގެ 80 ޕަސެންޓް ހިއްސާ ވަނީ ފިރިހެނުން

ގައުމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި އަންހެނުންގެ ދައުރު ވަރަށް މުހިއްމު ކަމަށާއި އަންހެނުންގެ ބައިވެރިވުން ނެތުމުން އޭގެ ނޭދެވޭ ނަޖީތާ މުޖުތަމައު އިން ވަރަށް ފުޅާކޮށް ފެންނާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ވިމެން އެންޑް ޑިމޮކްރަސީ އިން އިސްނަގައިގެން އެކުލަވާލި ޖެންޑަރ އީކުއަލިޓީ މެނިފެސްޓޯ އިފްތިތާހުކޮށް ދެއްވާ ވާހަކަ ދައްކަވަމުން ދިޔާނާ ވިދާޅުވީ، ރާއްޖޭގައިވެސް އަންހެނުންނަށް ފުރުސަތުތައް ހޯދުމުގައި އަދި އިސްކޮށް ހަރަކާތްތެރިވުމުގައި އަންހެނުން ކާމިޔާބީތަކެއް ހާސިލް ކޮށްފައިވާ ކަމަށެވެ. ތައުލީމީ ގޮތުންވެސް ދުނިޔޭގެ ފާހަގަކުރެވޭ ޔުނިވަރސިޓީތަކުގައި އަންހެނުން ބޮޑެތި ކާމިޔާބީތައް ހާސިލް ކުރަމުންދާ ކަމަށާއި ސިޔާސީ ދާއިރާގައިވެސް އަންހެނުން އިތުރުވަމުންދާ ކަން އޭނާ ފާހަގަކުރެއްވި އެވެ. ދިޔާނާ ވިދާޅުވީ، ސިވިލް ސަރވިސްގައި ގައި މަސައްކަތް ކުރާ 55 ޕަސެންޓަކީ އަންހެނުން ކަމުގައިވާ އިރު ސިޔާސަތުތައް އެކުލަވައިލާ ފަންތީގައި މަސައްކަތް ކުރާ އަންހެނުން ވަރަށް މަދު ކަމަށެވެ. އެގޮތުން ސިޔާސަތުތައް އެކުލަވައިލާ ފަންތީގައި ގާތްގަނޑަކަށް 80 ޕަސެންޓް ހިއްސާ ވަނީ ފިރިހެނުން ކަމަށާއި އަންހެނުން ބައިވެރިވާ މިންވަރު މިހާރަށް ވުރެ އިތުރު ކުރަންޖެހޭ ކަމަށް ދިޔާނާ ވިދާޅުވި އެވެ.

"2005 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގައި ޑޮމެސްޓިކް ވޯކާސް އަތުން ނަގާ ފީ އިތުރު ކުރުމަށް ހުށަހެޅުނު. އެކަމުގެ ބަހުސް ކުރިއަށް ދިޔަ އިރު ގިނަ ބަޔަކު އެކަމަށް ތާއީދު ކުރުމަށް ވާހަކަދެއްކެވި. އެއީ ސަރުކާރަށް ލިބޭ ރެވެނިއު ބޮޑުވާނެތީ. މި ބަހުސް ކުރިއަށްދަނިކޮށް ރައީސްގެ ހާއްސަ މެންބަރު މަޒީނާ ޖަމީލު ތެދުވެ ވިދާޅުވީ، ޑޮމެސްޓިކް ވޯކާސް އަތުން ނެގޭ ފީ ބޮޑުކޮށްފި ނަމަ މީގެ ނޭދެވޭ އަސަރު ކުރާނެ އޭ  ވަޒީފާ އަދަކުރާ އަންހެނުންނަށް. މަޒީނާ އެހެން ވިދާޅުވުމުގެ ކުރިން އެ ޕާސްޕެކްޓިވް އެއް އެ ބަހުސް ތެރޭގައެއް ނެތް. އެހެން ކަމުން އަންހެނުން މިފަދަ ނިންމުންތައް ނިންމާ އިރު ތިއްބެވުމަކީ ވަރަށް މުހިއްމު ކަމެއް." ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާ ވިދާޅުވީ، ސިޔާސަތުތައް ކަނޑައެޅޭ ދާއިރާގެ އިތުރުން އިގްތިސާދީ މަސައްކަތްތަކަށް ބެލިޔަސް މާލީ ފުދުންތެރިކަމަށް ބެލި ނަމަވެސް ފުރުސަތުތައް ލިބުމުގައި އަންހެނުންނާއި ފިރިހެންނުންގެ ފަރަގު ބޮޑު ކަމަށެވެ.

މި ފަރަގުތަކުގެ ފަހަތުގައި ވަރަށް ގިނަ ސަބަބުތަކެއް އެބަ އޮތް ކަމަށާއި އަންހެނުންނާއި ފިރިހެނުންނާއި ހަމަވުމުގައި ބައެއް ފަރާތްތަކުން ދެކޭ ގޮތް އަދިވެސް ވަރަށް ތަފާތުކަމަށް އޭނާ ވިދާޅުވި އެވެ. އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކުރުމުގައި އަންހެނުން ފިރިހެނުންނަށް ވާކަށް ނުޖެހޭނެ ކަމަށާއި ނުވަތަ ފިރިހެނުން އަންހެނުންނަށް ވާން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމަހަމަވުމަކީ އިންސާނީ ކަރާމާތާއި ބުއްދިއާއި ވިސްނުމުގެ ހަމަހަމަކަމުގެ ވާހަކަ ކަމަށާއި އެކަން ކަން އަމަލީ މައިދާނުން ފެނުން ކަމަށް ދިޔާނާ ވިދާޅުވި އެވެ.

އެގޮތުން ތައުމީލީ ފުރުސަތުތަކާއި ވަޒީފާގެ ފުރުސަތުތަކާއި މާލީ ފުދުންތެރިކަން ހާސިލް ކުރުމުގައި ހަމަހަމަ ފުރުސަތު އޮންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
0%
0%
0%
0%
0%
0%
ކޮމެންޓް