ލިވަޕޫލާއެކު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރަން ބޭނުންވާ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރު އެލެކްސް އޮކްސްލޭޑް ޗެމްބަލިން ބުނެފިއެވެ.
ލިވަޕޫލްއިން އަންނަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި 3-0 އިން އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ ބަލިކުރިއިރު ދެވަނަ ލެގުގައި ލިވަޕޫލްއިން ވަނީ ރަށުން ބޭރުގައި ފަހަތުން އަރާ 2-1 އިން ސިޓީ ބަލިކޮށްފައެވެ. އެހެންކަމުން 5-1 ގެ އެގްރިގޭޓް ނަތީޖާއަކުން އެ ޓީމު ސެމީއަށް ދަތުރުކުރިއިރު އެ ޓީމުން ވަނީ މި ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި 33 ލަނޑު ޖަހާފައެވެ. އެ އަދަދަށް އެހެން އެއްވެސް އިނގިރޭސި ޓީމަކަށް އެއް ސީޒަނެއްގެ ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހިފައެއް ނުވެއެވެ.
އާސެނަލް ދޫކޮށް ޗެމްބަލިން ލިވަޕޫލްއަށް ބަދަލުވީ 35 މިލިއަން ޕައުންޑްގެ ފީއަކަށެވެ. ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޗެމްބަލިން ބުނީ މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި ކުޑައިރުއްސުރެ ވެސް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރަން އުއްމީދުކުރި ކަމަށެވެ. ހަމައެހެންމެ ކޮންމެ މުބާރާތެއްގެ ފައިނަލުގައި ވެސް ވާދަކުރަން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް ޗެމްޕިއަންސް ލީގަކީ އެންމެ ބޮޑު މުބާރާތަށް ވުމާއެކު އެ މުބާރާތުގެ ފައިނަލުން ޖާގަ ލިބުން ވެގެންދާނީ ހުވަފެނެއް ހަގީގަތަކަށް ވެގެންދިޔުން ކަމަށް ޗެމްބަލިން ބުނެފައިވެއެވެ. އޭނާ ބުނީ ހުވަފެން ހަގީގަތަކަށް ހެދުމަށް އެއް ފިޔަވަޅު ކުރިޔަށް އެޅިއްޖެ ކަމަށާއި މި ފުރުސަތުގެ ބޭނުން ހިފަން ޖެހޭ ކަމަށެވެ.
ހުކުރު ދުވަހު އޮންނަ ސެމީ ފައިނަލުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައި ލިވަޕޫލްގެ އިތުރުން ޝާމިލުވާނީ މިދިޔަ ސީޒަނުގެ ޗެމްޕިއަނުން ކަމަށްވާ ސްޕެއިންގެ ރެއާލް މެޑްރިޑާއި ޖަރުމަނުގެ ބަޔާން މިއުނިކް އަދި އިޓަލީގެ އޭއެސް ރޯމާއެވެ. މި ސީޒަނުގައި ލިވަޕޫލްއިން ވަނީ ތިން ފަހަރެއްގެ މަތިން ސިޓީ ބަލިކޮށްފައެވެ.
އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޗެމްބަލިން ބުނީ ޖެހިޖެހިގެން ދެ މެޗުގައި ސިޓީ ބަލިކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ސިޓީއަކީ ވަރަށް މޮޅު ޓީމެއް ކަމަށެވެ. އޭނާ ބުނީ އެކަމުން ދައްކުވައިދެނީ ލިވަޕޫލް މިވަގުތު އޮތީ އެންމެ މަތީ ފަންތީގައި ވާދަކުރެވޭ ފެންވަރުގައި ކަމަށާއި ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ ކަމަށެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގުގައި އެއްވެސް ޓީމެއް ފަސޭހަ ނުވާނެ ކަމަށާއި ކޮންމެ ޓީމެއް ލައްވާލި ނަމަވެސް އެ ޓީމެއް ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ސިޓީ އަދި ލިވަޕޫލް ކުޅުނު ދެ މެޗުގައި ވެސް ޗެމްބަލިން ވަނީ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. ހަމައެހެންމެ ފުރަތަމަ ލެގުގައި އޭނާ ވަނީ ލިވަޕޫލްއަށް ހިތްގައިމު ލަނޑެއް ވެސް ކާމިޔާބުކޮށްދީފައެވެ.