މިއަހަރު ރަޝިއާގައި އޮންނަ ފީފާ ވޯލްޑް ކަޕްގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ ބޭނުންކުރުމާ ދެކޮޅު ހަދާކަމަށް އެ އިދާރާގެ ކުރީގެ ރައީސް ސެޕް ބްލެޓާ ބުނެފިއެވެ.
ފީފާގެ ރައީސްކަން މިހާރު ކުރަމުން އަންނަ ޖިއާނީ އިންފަންޓީނޯ ވަނީ މިދިޔަ މަހުގެ ތެރޭގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ މިއަހަރުގެ ވޯލްޑް ކަޕްގައި ބޭނުންކުރާނެ ކަމަށް ބުނެފައެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބްލެޓާ ބުނީ ފުޓްބޯޅަ ބަލާ ހިތުން ބަލާ މީހުންނަށް މިއީ މާ ރަނގަޅު ނިންމުމެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށެވެ. އޭނާ ބުނީ ވޯލްޑް ކަޕްގައި މެޗުތައް އިންސާފުކުރާ ގިނަ ރެފްރީންނަކީ މި ޓެކްނޮލޮޖީއާ ބީރައްޓެހި ބައެއް ކަމަށާއި ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތަކަށް މިފަދަ ވަރުގަދަ ޓެކްނޮލޮޖީއެއް ތައާރަފްކުރުމަކީ އެންމެ ވިސްނުންތެރިކަމާއެކު ކޮށްފައިވާ ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އޭނާ ބުނީ އެ ޓެކްނޮލޮޖީއަށް ތާއީދުނުކުރެވޭނެ ކަމަށާއި އަދި ސަޕޯޓަރުންގެ މެދުގައި ވެސް އެ ޓެކްނޮލޮޖީ މަގްބޫލުވާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
ފީފާގެ ރައީސްގެ މަގާމުގައި 17 އަހަރު ހޭދަކުރި ބްލެޓާ އެ މަގާމުން ވަކިކުރީ 2015 ވަނަ އަހަރުގެ ތެރޭގައި ފެންމަތިވި ކޮރަޕްޝަންގެ މައްސަލައަކާއި ގުޅިގެންނެވެ. އެ މައްސަލައިގައި ބްލެޓާ އަށް އަހަރަށް ފުޓްބޯޅައާ ގުޅޭ ހުރިހާ ކަމަކުން ސަސްޕެންޑްކުރި ނަމަވެސް އެ ސަސްޕެންޝަން ވަނީ ހަ އަހަރަށް ކުޑަކޮށްފައެވެ. ބްލެޓާ ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ބޭނުން ކުރުމަށް ނިންމާފައިވާ 48 ޓީމުގެ ފޯމެޓަށް ވެސް ފާޑު ކިޔާފައެވެ.
ބްލެޓާ ބުނެފައިވަނީ 48 ޓީމާއެކު ކުރިޔަށްގެންދާ ވޯލްޑް ކަޕެއްގައި ވާނެ ގޮތް ތަޖުރިބާ ކުރެވިދާނެ ކަމަށާއި 1982 ވަނަ އަހަރު ވެސް އެކަން ހިނގާފައިވަނީ އެހެން ކަމަށެވެ. އެގޮތުން ކޮންމެ ގްރޫޕެއްގައި ތިން ޓީމު ވާދަކުރާނަމަ މެޗުތައް ކުޅޭއިރު ކޮންމެވެސް އެއް ޓީމެއް ކުޅިބަލަން ތިބެން ޖެހުމަކީ އެންމެ ވާދަވެރި ގޮތްކަމުގައި ގަބޫލުނުކުރާ ކަމަށް ބްލެޓާ ބުނެފައިވެއެވެ.
ރެފްރީންގެ ނިންމުންތައް ނިންމުމުގައި އެހީތެރިވެދޭ މި ޓެކްނޮލޮޖީ އެންމެ ފުރަތަމަ ބޭނުން ކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގައެވެ. އަދި 2017 ވަނަ އަހަރު ފީފާ ކޮންފަޑަރޭޝަން ކަޕްގައި ވެސް މި ޓެކްނޮލޮޖީ ބޭނުން ކޮށްފައިވެއެވެ.
ފީފާއިން މި ނިންމުން ނިންމުމުގެ ކުރިން އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑުން ވެސް ވަނީ މިޓެކްނޮލޮޖީ ބޭނުންކުރުމަށް ނިންމާފައެވެ. އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑުގައި ތިބެނީ ފީފާގެ މަންދޫބުންގެ އިތުރުން އިންގްލެންޑް، ސްކޮޓްލަންޑް، ވޭލްސް އަދި ނޮދަރން އަޔަލޭންޑްގެ ފުޓުބޯޅަ އިދާރާތަކުގެ މަންދޫބުންނެވެ.
ފީފާއިން ވީ.އޭ.އާރް ބޭނުން ކުރަން ނިންމި ނަމަވެސް އަންނަ ސީޒަންގައި ޕްރިމިއަރ ލީގުގައި މި ޓެކްނޮލިޖީ ބޭނުމެއް ނުކުރާނެއެވެ. އަދި ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގައިވެސް މި ޓެކްނޮލޮޖީ ބޭނުން ނުކުރާނެ ކަމަށް ޔޫރަޕްގެ ސަރަހައްދީ ފުޓުބޯޅަ އިދާރާ ޔުއޭފާއިން ވަނީ ބުނެފައެވެ. މިސީޒަންގައި އިނގިރޭސި ލީގާއި ޖަރުމަން އަދި އިޓަލީ ލީގުގައި ވެސް ވީ.އޭ.އާރް ޓެކްނޮލޮޖީ ބޭނުން ކޮށްފައިވެއެވެ.