މޯލްޑިވް ގޭސްގެ މެނޭޖިން ޑައިރެކްޓަރު އަބްދުﷲ މައުމޫން މާލޭން 362.5 އަކަފޫޓުގެ ބިންކޮޅެއް ބައްލަވައިގެންފިއެވެ.
ސިވިލް ކޯޓުން މިމަހުގެ 10 ވަނަ ދުވަހު އިއްވާފައިވާ ހުކުމުގައި ބުނެފައިވާ ގޮތުގައި މައުމޫން ބައްލަވައިގެންނެވީ އޯކިޑުމަގު 23 ނަމްބަރު ފިހާރަ ހުރި 362.5 އަކަފޫޓުގެ ބިމާއި އެބިމުގައިވާ އިމާރާތާއި ނުއުފުލޭ މުދަލެވެ. ހުކުމުގައިވާ ގޮތުން މައުމޫން އެ ބިން ބައްލަވައިގެންނެވީ ހަ މިލިޔަން ރުފިޔާގެ އަގަކަށެވެ.
ސިވިލް ކޯޓުންވަނީ އެބިމުގެ ވެރިފަރާތަކީ މިހާރު މައުމޫން ކަމަށް އެ ހުކުމުގައި ކަނޑައަޅާފައެވެ.
މި ބިން މައުމޫން ބައްލަވައިގެންފައިވަނީ ސަރުކާރު ދިފާއު ކުރުމުގެ ގޮތުން ސޯޝަލް މީޑިޔާގައި އިދިކޮޅު ފަރާތްތަކަށް އެންމެބޮޑަށް ފާޑު ވިދާޅުވާ އަދި ރައީސް ޔާމީނަށް ހުޝާމިދު ކުރުމުގައި އަރާ ހުންނެވި އެއްބޭފުޅާ ކަމުގައިވާ ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ދަރިފުޅުގެ ނަމުގައި އަގުބޮޑު ފްލެޓެއް ބައްލަވައިގެންނެވި މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ. އަދި ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އޭނާގެ އަނބިކަނބަލުންގެ ނަމުގައިވެސް ދެ ފްލެޓެއް ބައްލަވައިގެންނެވިކަން ހާމަވެފައި ވަނިކޮށެވެ.
މައުމޫން ބައްލަވައިގެން ބިމާ ގުޅޭ ގޮތުން އޭނާގެ ބަހެއް ހޯދާލުމަށް ރާއްޖެ އެމްވީން ގުޅާލުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ އެކަން ވަނީ ކާމިޔާބު ނުވެފައެވެ. ނަމަވެސް ބައެއް މީޑިޔާތަކަށް މައުމޫން ވިދާޅުވެފައިވަނީ އެ މުއާމަލާތަކީ މާލެއިން ބިމެއް ގަތުމަށް ކޮށްފައިވާ މުއާމަލާތެއް ނޫން ކަމަށެވެ.
މައުމޫން ވިދާޅުވެފައިވަނީ އެ ބިން ހަ މިލިޔަން ރުފިޔާއަށް ބައްލަވައިގެންނެވި ކަމަށް ކޯޓު މެދުވެރިކޮށް ހުކުމެއް ހޯދާފައިވަނީ އެ ބިމުގެ ވެރިފަރާތްތަކުން އެ ބިން ހަދަން ވެގެން ބޭންކުން ލޯނެއް ނަގަން ވެގެން ބިމުގެ އަގު މަތި ކުރުމުގެ ގޮތުން ވެރިފަރާތްތަކާއެކު ކުރި މުއާމަލާތެއް ކަމަށެވެ. މައުމޫން ވިދާޅުވީ އެ މުއާމަލާތް ކޮށްފައިވަނީ ބޭންކަށް އޮޅުވާލުމަށްވެސް ނޫން ކަމަށެވެ.