ޓެރެރިޒަމްގެ ކުށް ސާބިތުވި ކަމަށް ނިންމައި ޖަލުގައި 12 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބުދުﷲ މާލެގެނެސް ޑޮކްޓަރަށް ދައްކައިފިއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ކަރެކްޝަނަލް ސާވިސްގެ އިންފޮމެޝަން އޮފިޝަރު ވިދާޅުވީ ޝެއިހް އިމްރާން މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައި ވަނީ އާންމު އުސޫލްގެ ދަށުން ކަމަށެވެ. އަދި ވަކި ހާއްސަ ސިއްހީ ކަމެއް ދިމާނުވާ ކަމަށް ވެސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިޝަލް ވިދާޅުވިއެވެ.
ޝެއިހް އިމްރާން ވަނީ މާރޗް މަހުގެ 22 ވަނަ ދުވަހު ވެސް މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައެވެ. ފަހަކަށް އައިސް އިމްރާން ޑޮކްޓަރަށް ދެއްކުމަށް ވަރަށް ގިނައިން މާލެ ގެންނަކަން ފާހަގަކުރެއެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އަދާލަތު ޕާޓީން ޑޮކްޓަރުންނާ ހަވާލާދީ ބުނީ އިމްރާންގެ ލޭގައި ސޯޑިއަމްގެ ނިސްބަތް ސީރިއަސް ލެވެލެއްގައި ހުރި ކަމަށާއި ޝައިޚްގެ ހާލަތާ ގުޅިގެން ޑޮކްޓަރުން ލަފާ ދީފައި ވަނީ އިތުރު ޓެސްޓްތަކެއް ހެދުމަށް ކަމަށެވެ.
މުއައްސަސާތަކުން އެކަމާ އަޅާނުލާތީ، ޝެއިހް އިމްރާން އަބްދުﷲ އާއި އޭނާގެ އާއިލާ އިން ކަމާ ބެހޭ ފަރާތްތަކުގައި އެތައް ފަހަރެއްގެ މަތިން އެ ކަންބޮޑުވުންތައް ހިއްސާކުރުމުން ވެސް އެކަށީގެންވާ ޖަވާބެއް ދީފައި ނުވާ ކަމަށް ވެސް އޭރު އަދާލަތް ޕާޓީ އިން ވަނީ ބުނެފައެވެ.
އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް، 12 އަހަރަށް ޖަލަށްލާފައި ވަނީ 2015 ވަނަ އަހަރުގެ މެއި މަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މޭޑޭ މުޒާހަރާގައި ހަމަނުޖެހުން ހިންގުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ތުހުމަތުކޮށެވެ. އިމްރާން ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކ. މާފުށީ ޖަލުގައެވެ.