މާފުށީ ޖަލުގައި ހައްޔަރުކޮށްފައި ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ދަރިކަލުން، އިބްރާހިމް ސިޔާދު ޤާސިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.
ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިޔާދުގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ދިނުމުގެ ދައުވާއާ ގުޅިގެން ބާއްވާ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ އާދިއްތަ ދުވަހުގެ މެންދުރު ފަހުގެ 15.00 ގައި ބާއްވާ ގޮތަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. އޭރުން ފެށިގެން އޭނާ ހައްޔަރު ކޮށްފައިވާއިރު އޭނާގެ މައްޗަށް ކުރެވޭ ތުހްމަތުތަކާ ގުޅިގެން އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. އަދި ދޫނިދޫގައި ގެންގުޅުމަށް ފަހު ފަހުން އޭނާ ހުންނެވީ މާފުށީ ޖަލަށް ބަދަލުކުރެވިފަ އެވެ.
ސިޔާދުގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ހައްޔަރުކޮށްފައިވާ އެހެން ބައެއް ބޭފުޅުންގެ މައްޗަށް ވެސް ދައުވާތައްކޮށް، އިބްތިދާއީ އަޑުއެހުންތައް ވަނީ ފަށާފަ އެވެ.