ޕީޕީއެމްގެ އިސް ސަފުގައި މަޤާމަށް އައްޔަންކުރެވެންދެން މަސައްކަތްކުރެއްވުން ދިފާޢުކުރައްވަމުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އިތުރުފުޅު ހައްދަވައިފިއެވެ.
ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސުން ވެސް ސިޔާސީ ޕާޓީތަކުގެ އިސް ސަފުގައި މަސައްކަތް ކުރެއްވިކަަމަށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީޤަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހުގެ މެމްބަރެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
އެހެން ނަމަވެސް ރާއްޖެ.އެމްވީއަށް މައުލުމާތު ދެއްވަމުން ފުއާދު ވިދާޅުވީ އެމަނިކުފާނަކީ އެއް އިރެއްގައިވެސް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރެއް ނޫން ކަމަށެވެ. އަދި އެމްޑީޕީ އުފެދިގެން އައި އިރު އެޕާޓީގެ އިލެކްޝަންސް ކޮމިޓީގައި މަސައްކަތްތަކެއް ކުރެއްވިކަަމަށާއި، އެހެން ނަމަވެސް ކޮމިޝަނަށް އައްޔަންކުރުމަށް ނަން ފޮނުވި އިރު ހުންނެވީ ޕްލޭނިންގ މިނިސްޓްރީގައި ކަމަށް ފުއާދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނަށް ޝަރީފް އައްޔަންކުރަން އުޅޭކަމަށް ސިޔާސީ ފަރާތްތަކުން ބުނަމުންދާތާ ދުވަސްތަކެއްފަހުން އޭނާ އެމަޤާމަށް އައްޔަންކުރެވުމުން، އެ ކޮމިޝަންގެ މިނިވަންކަމާއި މެދު، ގިނަ ބަޔަކު އިތުރަށް ސުވާލު ކުރަން ފެށިއެވެ. އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާއި މެދު އިތުރު ސުވާލުތަކެއް އުފެދިގެން ދިޔައީ އިދިކޮޅު ސިޔާސީ ޕާޓީތަކުން، އެޕާޓީތަކުން ހާމަކުރަން ބޭނުން ނުވާ ސިއްރު މައުލޫމާތުތައް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އުޅޭކަމަށް ތުހުމަތުކުރުމާއި ގުޅިގެންނެވެ.