އެޑިއުކޭޝަން މިނިސްޓަރު އައިސަތު ޝިހާމާ ލ. އަތޮޅު މާބައިދޫއަށް ވަޑައިގަންނަވާއިރު މަރުޙަބާ ދެންނެވުމުގެ ކަންކަން ސިޔާސީ ކުރާ ކަމަށް ބުނެ ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ،
ރާއްޖެއެމްވީއަށް މައުލޫމާތު ދިން މާއިބާދޫ ސްކޫލް ( ލ. އަތޮޅު މަދަރުސާ) ގެ ބެލެނިވެރިއަކު ބުނީ އެޑިއުކޭޝަން މިނިސްޓަރު ހުކުރު ދުވަހު މާބައިދޫއަށް ވަޑައިގަންނަވާއިރު، އެ މިނިސްޓަރަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ކަންކަން ރާވާ އިންތިޒާމް ކުރުމުގައި ސްކޫލްގެ މެނޭޖްމެންޓާއި އެކު ސަރުކާރު ހިންގާ ޕީޕީއެމްގެ އެކްޓިވިސްޓުން ހަރަކާތްތެރިވާ ކަމަށެވެ.
މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އަދި މާބައިދޫ ސްކޫލްގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
މިނިސްޓަރު އައިޝަތު ޝިހާމާ އަށް މަރުހަބާ ދެންނެވުމުގެ ގޮތުން ހާއްސަ ފަރިއްކޮޅެއް ތައްޔާރުކުރަން ސްކޫލްގެ ބެލެނިވެރިން އަންގާފައި ވާތީ ވެސް މާބައިދޫ ވާހަކަ ދެއްކި ބައެއް ބެލެނިވެރިން ކަންބޮޑުވުންފާޅު ކޮށްފައިވެއެވެ. އަދި މިނިސްޓަރު ވަޑައިގަންނާތީ، ސްކޫލްގެ ހުރިހާ މުވައްޒިފުން އެއްވައްތަރު ހެދުންލުމަށް އަންގާފައިވާ ކަމަށް އެމީހުން ބުންޏެވެ.
އެމީހުން ދެކޭގޮތުގައި މިނިސްޓަރުން ރަށްތަކަށް ވަޑައިގަންނަވާއިރު، ރަށުތެރެ ޒީނަތްތެރިކުރުމާއި ފަރިވަޅު ކެއްކުމަކީ ކުރީގެ ސަގާފަތެކެވެ. އޭގެ ބަދަލުގައި މިނިސްޓަރުން ރަށަށް ވަޑައިގެން ރަށުގެ ސްކޫލްގެ ފެންވަރާއި، ރަށުގެ އާންމު ހާލަތު ބެއްލެއްވުން މާ ރަނގަޅު ކަމަށް މާބައިދޫ ބެލެނިވެރިން ބުންޏެވެ.