ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕް 2020 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުމަށް ނިންމައިފިއެވެ.
ޕާކިސްތާނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސް އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ ޖިއޯ ޓީވީއިން ބުނެފައިވަނީ ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން (ސާފް) ގެ ކޮންގެރެސް ބައްދަލުވުމުގައި 2020 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް އެ ގައުމުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ހަމައެހެންމެ 2019 ވަނަ އަހަރު އޮންނަ 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި 2021 ވަނަ އަހަރު އޮންނަ 19 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕް ވެސް އެ ގައުމުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ޕާކިސްތާނުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ފައިސަލް ސަލާހު ހަޔާތު ބުނެފައިވަނީ މިއީ ފުޓްބޯޅައިގެ މައިދާނުގައި ޕާކިސްތާންއަށް ކުރިމަތިވި ގޮންޖެހުންތަކަށް ނިމުމެއް އައި ކަމުގެ ނިޝާނެއް ކަމަށެވެ. ކުރިޔަށް އޮތް ހަތަރު އަހަރަށް ސާފްގެ ނައިބު ރައީސް ކަމަށް އިންތިހާބު ވެފައި ވަނީ ވެސް ޕާކިސްތާނުގެ ޚާދިމް އަލީ ޝާހުއެވެ.
ފީފާއިން ޕާކިސްތާނުގެ ފުޓްބޯޅަ ފެޑެރޭޝަން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސަސްޕެންޑްކުރިއިރު މިދިޔަ މަހުގެ ތެރޭގައި ފީފާއިން ވަނީ އެ ސަސްޕެންޝަން އުވާލާފައެވެ. ފީފާއިން އޭރު ޕާކިސްތާން ސަސްޕެންޑްކުރީ ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަން ހިންގުމަށް އެ އިދާރާއިން އެކުލަވާލާފައިވާ ގަވާއިދާ ހިލާފަށް ޕާކިސްތާނުގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގަމުން އައުމާއެކުއެވެ.
ޕާކިސްތާން ސަސްޕެންޑް ކުރަން ފީފާ އިން ނިންމީ 2015 އަހަރުން ފެށިގެން ސަރުކާރުގެ ނުފޫޒް ބޭނުން ކޮށްގެން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގުން ކޯޓު މެދުވެރިކޮށް ވަކި ފަރާތަކާ ހަވާލުކޮށްފައި ވާތީ އެކަމަށް ހައްލެއް ހޯދުމަށް ތަކުރާރުކޮށް އެންގުމުން ވެސް އެކަމަށް އެކަށީގެންވާ ރަނގަޅު ބަދަލެއް އައިސްފައިނުވާތީ އެވެ. އެ ސަސްޕެންޝަނުގެ މުއްދަތުގެ ތެރޭގައި ޕާކިސްތާނުގެ އެއްވެސް ޓީމަކަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުޅޭ އެއްވެސް މުބާރާތެއްގައި ބައިވެރިވެވިފައެއް ނުވެއެވެ.
ޕާކިސްތާނުގައި މީގެކުރިން ވެސް ވަނީ ދެ ފަހަރެއްގެ މަތިން ސާފް ޗެމްޕިއަންޝިޕް ބާއްވާފައެވެ. އެގޮތުން އެ ގައުމުގައި ވަނީ 1993 ވަނަ އަހަރާއި 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވާފައެވެ. ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާންއަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބަކީ 1997 ވަނަ އަހަރު ތިންވަނަ މަގާމު ހޯދުމެވެ.