އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުން ޤަބޫލުކުރާނީ ޤާނޫނުގައި އޮންނަ ގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ ރައީސްކަމަށް ދާދިފަހުން އައްޔަން ކުރެއްވި އަހުމަދު ޝަރީފް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓް ޤަބޫލުކުރާނީ އެއިރަކު ޤާނޫނުގައި އޮތް ގޮތަށް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިހެން ބުނެފައިމިވަނީ ގުޅިފައިވާ އިދިކޮޅު ކޯލިޝަނުން އެއްކެންޑިޑޭޓަކު ނެރޭނެ ކަމަށް އެއިއްތިޙާދުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ. އަދި ވަރަށް އަވަހަށް އެއީ ކޮން ކެންޑިޑޭޓެއްކަން އިއުލާން ކުރެވޭނެ ކަމަށް އަޑުތައް ފެތުރިފައިވަނިކޮށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެއްވެސް ޕާޓީއަކުން ހިއްސާކުރަން ބޭނުން ނުވާ އެއްވެސް މައުލޫމާތެއް ހޯދަން އެދިފައިނުވާނެ ކަމަށެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ އިދިކޮޅު ޕާޓީތަކުގެ އެތެރޭގެ މައުލޫމާތު ހޯދުމަށް ކަމަށް ޕާޓީތަކުން ފާހަގަކުރެއެވެ. މީގެ އިތުރުން ވަރަށް އަވަހަށް ޕާޓީތައް ރެގިއުލޭޓްކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އިލެކްޝަންސް ކޮމިޝަނުން ޕާޓީތައް ރެގިއުލޭޓްކުރާ ވާހަކަ ދައްކަމުންދާއިރު، ސިޔާސީ ޕާޓީތަކުން ވަނީ ޕާޓީތައް ރެގިއުލޭޓް ކުރާނެ ގޮތް ޤާނޫނުގައި ވަނިކޮށް، ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ތުހުމަތުކުރެފިއިވާ އިލެކްޝަންސް ކޮމިޝަނުން ޕާޓީތައް ރެގިއުލޭޓް ކުރަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސިޔާސީ ޕާޓީތަކުން ބުނެފައިވަނިކޮށެވެ.
ރިޔާސީ އިންތިޚާބާއި ބެހޭ ގޮތުން ޝަރީފް ވިދާޅުވީ ޝެޑިއުލާއި އެއްގޮތަށް އިންތިޚާބު އޮންނާނެ ކަމަށެވެ. އަދި މެއި މަހު ވޯޓަރސް ލިސްޓް އިއުލާންކޮށް، ޖުލައި މަހު ރިޔާސީ އިންތިޚާބަށް ހުޅުވާލާއިރު، ޖުލައި މަހު ވޯޓަރސް ލިސްޓް ފައިނަލްވާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ފާއިތުވި 2 ހަފްތާ ތެރޭ 2 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރަން ހުށާހަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް ފަރާތް ރަޖިސްޓްރީ ކޮށްދެވެން ނެތް ކަމަށް އަންގާފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެޕާޓީތަކުގެ މައުލޫމާތު އަންނަ އާދިއްތަ ދުވަހު ހާމަކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.