މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީއާއެކު ޖަލުގައި އަނިޔާކުރުމުގެ ސަގާފަތް ވަރަށް ބޮޑަށް ހުއްޓުވުމަށް އައިސްފައިވަނިކޮށް މިއަދު އެ އަނިޔާވެރިކަން އަލުން އިއާދަވަމުންދާ ކަމަށް އަދާލަތު ޕާޓީގެ މީޑިއާ ކޮމެޓީގެ މުގައްރިރު އަލީ ނަޒީރު ވިދާޅުވެއްޖެ އެވެ.
ޖަލުގައި ލާއިންސާނީ އަނިޔާ ކުރާތީއާއި ޖަލުގައި ބަންދުކޮށްފައިވާ ފަރާތްތަކަށް ދޭންޖެހޭ ހިދްމަތްތަކަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން އިހުމާލުވަމުން ދާތީ އެކަމުގެ ޝަކުވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށް ހުށަހެޅުމަށް ފަހު، ނިކުމެވަޑައިގެންނެވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޒީރު ވިދާޅުވީ މިއީ 21 ވަނަ ގަރުނު ކަމަށެވެ. ރާއްޖޭގެ ޖަލުގައި އިންސާނުންނަށް ބޯން ސާފު ފެން ނުލިބޭއިރު، ބޯން ބޭނުންވާވަރަށް ފެން ނުލިބުމަކީ ދުނިޔޭގައި އުފެދުނު އެންމެ އަނިޔާވެރި ޑިކްޓޭޓަރު އެޑޯފް ހިޓްލަރުގެ ކޮންސަޓްރޭޝަން ކޭމްޕްތަކުގައި ހިންގި ފަދަ ކަންކަން ކަމަށް ބެލިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިދައްކަނީ މިއީ 21 ވަނަ ގަރުނުގައި މިރާއްޖޭގެ ޖަލުގައި އިންސާނުންނަށް ބޯން ބޭނުންވާ މިންވަރަށް ސާފު ފެން ނުލިބޭ ވަހަކަ. މިއީ ހިޓްލަރުގެ ކޮންސަންޓްރޭޝަން ކޭމްޕްތަކުގައި ހިންގާދިޔަ ކަންކަން މިރާއްޖޭގައި ޖަލުގައި މިޒަމާނުގައި ހިނގަމުންދާ ވާހަކަ އަޅުގަނޑުމެން މިދައްކަނީ،" ނަޒީރު ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ އާގާނޫނުއަސާސީއެއް އެކުލަވާލަން ޖެހުނު މައިގަނޑު ސަބަބަކީ ވެސް ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި އަނިޔާވެރިކަން ރާއްޖެއިން ނައްތާލުން ކަމަށެވެ.
"2008 ވަނަ އަހަރު ތަސްދީގު ކުރެވުނު އަދި މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީއާއެކު މިރާއްޖޭގެ ޖަލުގައި އަނިޔާ ކުރުމުގެ ސަގާފަތް ހުއްޓުވުމަށް އަޅުގަނޑުމެން މަސައްކަތް ފެށީ، އެކަންކަން ވަރަށް ބޮޑަށް ރަނގަޅުވެގެންވެސް އައި، އެހެން ނަމަވެސް އާގާނޫނުއަސާސީއަށް 10 އަހަރު ފުރޭ އަހަރު އަޅުގަނޑުމެންނަށް ދިމާވެގެން މިއުޅެނީ އެކަންކަން އަލުން އިއާދަވުމުގެ ބިރުވެރިކަން. މިކަންކަން އޮންނަނީ ހަމައެކަނި ޖަލު ގޮޅިއާ ހަމައަކު އެކަންޏެއް ވެސް ނޫން. މުޅި ނިޒާމު ބައްޓަންވެގެން މިދަނީ އެގޮތަށް،" އަލީ ނަޒީރު ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ އަނިޔާކުރުމުގެ ސަގާފަތް ސިސްޓަމެޓިކްކޮށް، މުޅި ނިޒާމު ބައްޓަން ވެގެންދާކަމީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ކުށްވެރިންގެ ގޮތުގައި ބަލައިގަނެ، އަދި ކުށްވެރިނުވިއެއްކަމަކު ޖަލަށްލާފައި ތިބި މީހުންނާ ބައްދަލު ކުރުމަށް އާއިލާއަށް އޮންނަ ފުރުސަތު ވެސް، އަދި އެމީހުންގެ މައްޗަށް ތަހުގީގު ހިންގުމުގެ ތެރޭގައި ވެސް އަދި އެމީހުންނާ ގުޅޭ އެހެން ކަންކަމުގައި ވެސް ހޯމް މިނިސްޓްރީން އަމަލު ކުރަމުންދާ ގޮތުގައި ވެސް، މުޅި ނިޒާމު ބައްޓަން ވެފައި މިވަނީ އަނިޔާގެ ވަށައިގެން. ރާއްޖެ މިފަދަ ހާލަތެއްގައިވާއިރު، ހިއުމަންރައިޓްސް ކޮމިޝަނުން ގާނޫނީ ޒިންމާ އަދާ ކުރާކަން ދިވެހި ރައްޔިތުންނަށް ގަބޫލު ކުރެވޭކަމީ ވަރަށް ކަންބޮޑުވާކަމެއް،" ނަޒީރު ވިދާޅުވި އެވެ.