ދ. ނޮޅިވަރަމްގައި ދަންޖެހިފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ މަރުގެ މައްސަލާގައި ހައްޔަރުކުރި އޭނާގެ ފިރިމީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ނަފުސާނީ މައްސަލަތަކެއްގެ ތެރޭގައި އުޅުނު އުމުރުން 41 އަހަރުގެ ޝާހިދާ އަލީގެ ދަންޖެހިފައި ހުއްޓާ ފެނުނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ފަތިހުއެވެ. މި މައްސަލައާއި ގުޅިގެން ޝާހިދާގެ ފިރިމީހާ ބުދަ ދުވަހު ހައްޔަރު ކުރުމަށް ފަހު، އޭނާގެ ބަންދަށް 10 ޖަހާފައި ވަނީ ކުޅުދުއްފުށީ ކޯޓުންނެވެ.
ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ ގޭގެ ގިފިލި ތެރެއިންނެވެ. ދަންޖެހިފައި ހުރީ އަސްކަންޏެއްގެ ލަކުޑި ބެރިއެއްގައެވެ. ޝާހިދާ މަރާމެދު ޝައްކުތަކެއް އުފެދޭތީ، މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އޭނާގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ގެންގޮސް، ޕޯސްޓުމޯޓަމް ހަދާފައިވެއެވެ.
އެ މަރާމެދު ޝައްކުތަކެއް އުފެދުނީ އޭނާ ދަންޖެހިފައި ހުރި ވާގަނޑު މާ އުހުގައި އައްސާފައި ހުރުމުންނާއި މާ ވަރުގަދައަށް އެ ވާގަނޑު ބާރުކޮށްފައި ހުރުމުންނެވެ. ޝާހިދާގެ އާއިލާއިން ތުހުމަތު ކުރާ ގޮތުގައި ނަފްސާނީ މައްސަލަތަކެއް ވެސް ތަޙައްމަލް ކުރަމުންދިޔަ ޝާހިދާއަށް 12 ވަރަކަށް ފޫޓު އުހުގައި ވާގަނޑެއް އެއްސުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެ ވާގަނޑު އެއްސުމަށް އަރާނެ ހަރުގަނޑެއް ނުވަތަ ގޮނޑިއެއްވެސް އެ ތަނުގައި ނެތް ކަމަށް ޝާހިދާގެ އާއިލާއިން ބުންޏެވެ.
ޝާހިދާ މަރުވުމުގެ ދުވަސްތަކެއް ކުރިން އޭނާ ގެއްލިގެން ހޯދާފައިވެސް ވެއެވެ. އެފަހަރު އޭނާ ފެނިފައިވަނީ އެރަށު ވަލުތެރެއިންނެވެ.
ޝާހިދާގެ މަރާމެދު ޝައްކުތަކެއް އުފެދިގެން، އޭނާގެ ޕޯސްޓުމޯޓަމް ހެދުމަށްފަހު ވަޅުލާފައި ވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެ މަރާ ގުޅޭ ތަފްސީލުތަކެއް ފުލުހުން އާންމެއް ނުކުރެއެވެ.