ކ. މާލެ
|
12 އޭޕްރިލް 2018 | ބުރާސްފަތި 18:07
ބަޔާން މިއުނިކްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ބަޔާން މިއުނިކްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގު
ޗެމްޕިއަންސް ލީގު: ބަޔާން އަނެއްކާ ވެސް ސެމީ ފައިނަލަށް
ބަޔާން ސެމީއިން ޖާގަ ހޯދީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ސްޕެއިންގެ ސެވިއްޔާ މައްޗަށް ކުރި ހޯދައިގެން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖަރުމަނުގެ ބަޔާން މިއުނިކް އަނެއްކާ ވެސް ޖާގަ ހޯދައިފިއެވެ.

ބަޔާން ސެމީއިން ޖާގަ ހޯދީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން ސްޕެއިންގެ ސެވިއްޔާ މައްޗަށް ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ސެވިއްޔާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-1 އިން ބަޔާން ކާމިޔާބުކުރިއިރު ބަޔާންގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ނިމިފައިވަނީ 0-0 އިން އެއްވަރުވެގެންނެވެ. ސެވިއްޔާގެ ފުރަތަމަ އެގާރައިން ގެބްރިއެލް މާކާޑޯ އަދި އެވަރ ބަނޭގާ ފެނިގެންދިޔައިރު އާޔެން ރޮބެން އަދި ރަފީންޔާގެ އިތުރުން ހަމޭސް ރޮޑްރިގޭޒް ވަނީ ބަޔާން ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ.

ފުރަތަމަ ހާފު ފެށިގެން ބަޔާންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މެޗުގެ އަށް ވަނަ މިނެޓުގައި ބަޔާންގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ލަނޑު ޖެހުމާ ގާތަށް ދިޔަ ނަމަވެސް ސެވިއްޔާގެ ކީޕަރު ވަނީ އޭނާ ފޮނުވާލި ހަމަލާ ދިފާއު ކޮށްފައެވެ. ސެވިއްޔާގެ ޑިފެންސުން ގިނަ މަސައްކަތްތަކެއް މި މެޗުގައި ބަޔާންއިން އުފެއްދި ހަމަލާތައް ހުއްޓުވުމަށް ކުރިއިރު ފްރޭންކް ރިބެރީ އަދި އާޔެން ރޮބެން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެހެން ނަމަވެސް ބަޔާންއަށް މި ހަމަލާތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.

ދެވަނަ ހާފު ފެށިގެން ވެސް ބަޔާންއިން އެ ޓީމުގެ ކޮންޓްރޯލް ދެމެހެއްޓިއިރު އެ ޓީމުން ވަނީ މި ހާފުގައި ވެސް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި ހާފުގައި ސެވިއްޔާއިން ވެސް ހަމަލާ އުފެއްދުމަށް މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ޖީސަސް ނަވާސް ނަގައިދިން ހުރަހަކުން އެ ޓީމުގެ ޖޯކުއިން ކޮރެއާ ފޮނުވާލި ހަމަލާއެއް ބަޔާންގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައިވެއެވެ. ކޮރެއާއަށް ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

ބަޔާން ކޮޅަށް މި މެޗުގައި ލަނޑެއް ވަދެފައިނުވާއިރު އެ ޓީމުން ވަނީ ޔޫރަޕުގެ އެކި މުބާރާތްތަކުގައި 100 މެޗު ބައިކޮޅަށް ލަނޑެއް ވަނަ ނުދީ ހިފަހައްޓާފައެވެ. ހަމައެހެންމެ މި މެޗަކީ ބަޔާންގެ ތޯމަސް މުލާ އަދި ޖެރޯމް ބޯޓެންގް ޔުއެފާގެ މުބާރާތްތަކުގައި ކުޅުނު 100 ވަނަ މެޗުވެސްމެއެވެ.

ބަޔާންގެ އިތުރުން އިނގިރޭސިވިލާތުގެ ލިވަޕޫލް އާއި އިޓަލީގެ ރޯމާ އަދި ސްޕެއިންގެ ރެއާލް މެޑްރިޑްއިން ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ.

- ކޮމެންޓް