ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅިގެން ދެ މީހެއްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމަށް ހެކިން ހާޒިރު ނުކުރެވިގެން މިއަދު (ބުރާސްފަތި ދުވަހު) ވެސް ބާއްވަން އޮތް އަޑުއެހުން ކެންސަލް ކޮށްފި އެވެ.
މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލްކޮށްފައި އޮތީ ބުރާސްފަތި ދުވަހު 3:00 އަށެވެ. މައްސަލަ ކެންސަލް ކޮށްފައިވަނީ ދައުވާ ލިބޭ ފަރާތުން އެދިގެންނެވެ. ގަދަކަމުން ރިލްވާން ފޮރުވާފައިވާ ކަމަށް ބުނެ ދައުލަތުން ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާއިރު އޭގެ ތެރެއިން ޝަރީއަތް ހިނގަނީ ގ.ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. މި މައްސަލައިގައި ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށް ވެސް އެ ދައުވާ ކޮށްފައިވެ އެވެ. އެހެން ނަމަވެސް ސުމައިދު ރާއްޖޭގައި ނެތް ކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ދައުލަތުން މީގެ ކުރިން ކޯޓްގައި ވަނީ ބުނެފައެވެ .އެހެން ކަމުން މި މައްސަލާގެ ޝަރީއަތް ކުރިއަށް ގެންދަނީ އޭނާ ނުހިމަނަ އެވެ.
ރިލްވާން ވަގަށް ނަގާފައިވާ މައްސަލައިގައި ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ، 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ރޭ އަހުމަދު ރިލްވާން ދިރިއުޅޭ ފްލެޓް ކުރިމަތިން، ގަދަކަމުން އޭނާ ކާރަކަށް އަރުވައިގެން އޭނާ ފޮރުވާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލާގައި ދައުވާ ލިބޭ މީހުން ތިބީ ދޫކޮށްލާފަ އެވެ.
މި މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމެވެ. މިހާތަނަށް ދައުލަތުން ހުށަހަޅާފައިވާ ގިނަ ބައެއްގެ ހެކިބަސް މިހާރު ވަނީ ނަގާފަ އެވެ.