ޖަލުތަކުގައި ލާއިންސާނީ އަނިޔާ ދޭ ވާހަކައަކީ އާ ވާހަކައެއް ނޫން ކަމަށާއި، އެހެން ނަމަވެސް އެ ވާހަކަތައް އަޑުއަހާ އެއްވެސް މުއައްސަސާއެއް ނެތް ކަމަށް މަޝްހޫރު ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.
"ޔާމީންގެ ޖަލު އަނިޔާ ހުއްޓުވާ"ގެ ނަމުގައި ކުނޫޒްގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ ޖަލުތަކުގެ އަނިޔާގެ ވާހަކަ މިއަދު ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ދެއްކި ނަމަވެސް މިއީ މި ވާހަކަދައްކާ ފުރަތަމަ ފަހަރު ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ، ޖަލުތަކުގެ އަނިޔާގެ ވާހަކަ ރެކޯޑްކުރެވިފައިނުވާ ދައުލަތުގެ އެއްވެސް މުއައްސަސާއެއް ނުހުންނާނެ ކަމަށާއި އެކަމަކު އެއްވެސް މުއައްސަސާއަކުން އަނިޔާގެ ވާހަކަ އަޑުއަހައި ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ.
ޖަލުތަކުގައި އަނިޔާކުރުން އިންތިހާއަށް ގޮސްފައިވާ ކަމަށާއި މިއަދު އާންމުގެ ކުރިމަތީ މި ވާހަކަ ދައްކަންޖެހުނީ ވެސް އެ ސަބަބާ ގުޅިގެން ކަމަށް ހިސާން ވިދާޅުވިއެވެ. ހިސާން ވިދާޅުވީ
ކަރެކްޝަންގައި ކިތަންމެ އާއިލާއަކުން މި ވާހަކަތައް ދައްކައި ޝަކުވާކޮށްފައި ވާނެ ކަމަށެވެ.
"ކަރެކްޝަނަލް ސާރވިސްގައި އެތައްް އާއިލާއަކުން ޖަލުތަކުގައި ކުރެވޭ އަނިޔާގެ ވާހަކަތައް ދައްކާފައިވޭ. އަނިޔާގެ ތަޖްރިބާކުރެވުނު ކިތަންމެ މީހަކު ގާޒީ ކުރިމަތީގައި އަނިޔާގެ ވާހަކަ ރޮއެފައި ދައްކާ" ހިސާން ވިދާޅުވިއެވެ.
މި ޕެނަލްގައި ވާހަކަދައްކަވަމުން ގާނޫނީ ވަކީލު ޝަފާ ޝަރީފް ވިދާޅުވީ ބާރުތައް ފެށިގެން އަންނަނީ އަދި ދެމި އޮންނާނީ ވެސް ރައްޔިތުންގެ އަތްމަތީގައި ކަމަށާއި އެހެންކަމުން ބަޔަކު ރައްޔިތުންނަށް އަނިޔާކުރާ ނަމަ ރައްޔިތުން އަޑުއުފުލަންޖެހޭ ކަމަށެވެ.
ހިތުހުރި ގޮތަކަށް އަނިޔާކުރުމަކީ މާޒީވެ ދިޔަ ސަގާފަތެއް ކަމަށާއި ދިވެހިން މިއަދު ތިބީ ބައިނަލްއަގްވާމީ އެތަށް މުއާހަދާއެއްގައި ބައިވެރިވެގެން ކަމަށްވާތީ މިއަދު ކުރެވޭ އަނިޔާތަކަކީ ބައިނަލްއަގްވާމީ ފެންވަރެއްގައި ތަހުގީގު ކުރެވޭނެ މައްސަލަތަކެއް ކަަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ހާލަތު ބައިނަލްއަގްވާމީ ދުނިޔެ އިން ވަރަށް ކައިރިން ބަލަމުންދާ ކަމަށާއި އެއީ ވެސް އިންސާފު ލިބޭނެކަމުގެ ހެއްކެއް ކަމަށް ސަފާ ވިދާޅުވިއެވެ.
ހައްގުތައް ނިގުޅައިގަންނަ ފަރާތްތަކާއި، ޖަލުގައި އަނިޔާކުރާ މީހުން ޒިންމާކުރުވޭނެ ދުވަސް އަންނާނެ ކަމަށް ވެސް ސަފާ ވިދާޅުވިއެވެ. ސަފާ ވިދާޅުވީ އަނިޔާކޮށްފައި މީހެއްގެ ފުރަގަހަށް ވަދެ ހިމާޔަތް ލިބޭނެ ކަމަށް ހީކުރުމަކީ މޮޔަ ކަމެއް ކަމަށެވެ.