ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައި ފަހު ވަގުތު ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހައިދިން ލަނޑުން، ހަނި ގޮތަކަށް މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ސްޕެއިންގެ ރެއާލް މެޑްރިޑް ހޯދައިފިއެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި، ބުދަ ދުވަހުގެރޭ ރެއާލް މެޑްރިޑާއި އިޓަލީގެ ޔުވެންޓަސް ބައްދަލުކުރި މެޗު 3-1 އިން ކާމިޔާބު ކުރީ ޔުވެންޓަސްއެވެ. މި ދެޓީމް ޔުވެންޓަސްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 3-0 އިން ރެއާލް މެޑްރިޑް ކާމިޔާބު ކޮށްފައިވުމާ އެކު، މުބާރާތުގެ ސެމީ ފައިނަލުން ރެއާލް އަށް ޖާގަ ލިބުނީ 4-3 ގެ އެގްރިގޭޓުން ޔުވެންޓަސްގެ މައްޗަށް ކުރި ލިބިގެންނެވެ.
ރެއާލްގެ ދަނޑު ސެންޓިއާގޯ ބާރނަބޭއުގައި ކުޅުނު ދެވަނަ ލެގުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ޔުވެންޓަސް އިންނެވެ.
މެޗު ފެށިގެން ދެވަނަ މިނެޓުގައި ސާމީ ކެދީރާ ނަގައިދިން ހުރަހަކުން ޔުވެންޓަސް އަށް ކުރި ހޯދައިދިނީ ކްރޮއޭޝިއާގެ ފޯވާޑް މާރިއޯ މަންޑްޒުކިޗެވެ.
ފުރަތަމަ ހާފްގެ 37 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑު ފުޅާ ކޮށްދިނީ ވެސް މަންޑްޒުކިޗެވެ. މިއީ ސްޓެފަން ލިޗްސްޓެއިނަރ ދިން ބޯޅައަކުން މަންޑްޒުކިޗް ޖަހައިދިން ލަނޑެކެވެ.
ޔުވެންޓަސް އިން ދެ ލަނޑުގެ ލީޑަކާ އެކު ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، ދެވަނަ ހާފްގައި އެޓީމުން އިތުރު ލަނޑެއް ޖަހައި، ސެމީ ފައިނަލްގެ އުއްމީދު އާކުރިއެވެ. މެޗުގެ 61 ވަނަ މިނެޓުގައި ޔުވެންޓަސްގެ ތިންވަނަ ލަނޑު ޖަހައިދިނީ ބްލެއިސް މަޓުއިޑީއެވެ.
ޔުވެންޓަސް އިން ތިން ލަނޑު ޖަހައި ދެ ލެގުގެ އެގްރިގޭޓުން ދެ ޓީމް އެއްވަރުވެގެން މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިފައިވަނިކޮށް، ރެއާލް އިން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކުރީ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިއީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ޖެހި 120 ވަނަ ލަނޑެވެ.
މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމި، އިތުރު ވަގުތުގެ ތިންވަނަ މިނެޓުގެ ތެރޭގައި ޔުވެންޓަސްގެ ޕެނަލްޓީ އޭރިއާ ތެރެއިން ރެއާލްގެ ލޫކަސް ވަސްކުއޭޒް އަށް ޔުވެންޓަސްގެ މެދީ ބެނާޓިއާ ކުރި ފައުލަކާ ގުޅިގެން ރެއާލް އަށް ޕެނަލްޓީއެއް ދިނުމާ އެކު ދެޓީމުގެ ކުޅުންތެރިން ހޫނުވިއެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި ޔުވެންޓަސްގެ ތަޖުރިބާކާރު ކީޕަރު ޖިއަން ލުއިޖީ ބުފޮން އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލިއެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ފާއިތުވި ދެ އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ އިތުރުން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދާފައި ވަނީ ލިވަޕޫލް، ބަޔާން މިއުނިކް އަދި އޭއެސް ރޯމާއެވެ.