އާ ޤާނޫނުއަސާސީއާއެކު އައި އިންގިލާބުގެ ސަބަބުން ހުއްޓިފައިވާ ޒަމާންވީ ޖަލު އަނިޔާ ރައީސް ޔާމީންގެ ސަބަބުން އަނބުރާ އިއާދަވެއްޖެ ކަމަށް އަދާލަތު ޕާޓީގެ މީޑިޔާ ކޮމެޓީގެ މުގައްރިރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން ބުދަ ދުވަހުގެ ރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނަޒީރު ވިދާޅުވީ މިހާރު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގައި ތަޅުއަޅުވާފައި އޮތުމާއި ޖުޑިޝަރީ ހިސޯރުކޮށްފައި އޮތުން ކަމަށެވެ. ރާއްޖޭގެ އިންސާނީ ހައްޤުތައް ގެއްލިފައިވާ ވާހަކަ ދައްކާ ކޮންމެ ފަހަރަކު އެވާހަކަތައް ހިއްސާކުރަން ޖެހޭ ކަމަށް ނަޒީރު ވިދާޅުވިއެވެ.
ނަޒީރު ވިދާޅުވީ ޒަމާނުންސުރެ ރާއްޖޭގެ ތާރީޚުގައި ޖަލުތަކުގައި އަނިޔާކުރުން އޮތް ކަމަށާއި އެކަމަކު އެކަންކަން ބަދަލުކޮށް އިންގިލާބެއް ގެނެވުނު ކަމަށެވެ. އެގޮތުން އަނިޔާކުރުމުގެ ސަޤާފަތް އާ ޤާނޫނުއަސާސީއާއެކު ނިމިގެން ގޮސްފައިވަނިކޮށް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިވަނީ އަނިޔާކުރުމުގެ ސަގާފަތް އިޔާދަވެފައި ކަމަށެވެ.
"އަނިޔާއެއް ނުހައްގުން ޖަލަށް ލުން. ޖަލަށް ލާން ޖެހިގެން ޖަލަށް ލާންޖެހޭ މީހާއަށްވެސް ލިބެންޖެހޭ އަސާސީ ހައްގުތައް ލިބެން ޖެހޭނެ. އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް. ފާރިސް މައުމޫން ޖަލުގައި ހުއްޓާ ނެރެ ތަޅާ އަނިޔާކުރީ. މިހާރު އެއަނިޔާ ކުރުމުގެ ސަގާފަތް މިވަނީ އަނބުރާ އިޔާދަވެފައި. އެކަމަކު މިކަން ހުއްޓުވާނަން ދާދި އަވަހަށް. ތާއަބަދު އެކަން ކުރަމުން ވެރިކަމުގައި ބަގުޑި ބައްދައިގެން ނުހުރެވޭނެ،" ނަޒީރު ވިދާޅުވިއެވެ.
ޖަލުގައި ތިބި ސިޔާސީ މީހުންނަށް ކުރަމުންދާ ކަންކަމާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން އެދުމުންވެސް ކަރެކްޝަނުން ބައްދަލު ނުކުރުމަކީ މިއަދު އެކަން ހަޤީގަތެއްކަން ހާމަވި ކަމެއް ކަމަށާއި ޖަލުގައި އަނިޔާކުރާ ވާހަކަ މީހުން މިހާރު އަނެއްކާވެސް ދައްކަން ފަށައިފި ކަމަށެވެ. އަނިޔާ ކުރަނީ ޖަލު ގޮޅީގައި އެކަންޏެއް ނޫން ކަމަށާއި ފުލުހުންގެ ތަހުގީގުގައިވެސް ބަންދުކޮށްފައި ބަހައްޓާފައި ހުރުމުގައިވެސް، ދައުވާ ކުރުމުގައިވެސް އަދި ހޯމް މިނިސްޓްރީން ޢަމަލް ކުރާ ގޮތުގައިވެސް އަނިޔާ އެބަލިބޭ ކަމަށް ނަޒީރު ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ ޖަލަށް ލުމަކީ އަސާސީ ހައްޤުތައް ހިފެހެއްޓޭނެ ކަމެއް ނޫން ކަމަށާއި އެއީ ލިބެން ޖެހޭނެ ހައްގެއް ކަން ޤާނޫނުއަސާސީގައި އެބައޮތް ކަމަށެވެ.
އާ ޤާނޫނުއަސާސީން ދައުލަތް ހިންގުމަށް އިންގިލާބީ ބޮޑު ބަދަލެއް ގެނެވުނު ކަމަށާއި އޭރު ނުގެނެވި އޮތް ބަދަލަކީ ޝަރުޢީ ދާއިރާ ބަދަލު ކުރުން ކަމަށާއި އެބަދަލު ގެނައުމަށް ކުރަމުންދިޔަ މަސައްކަތުގައި ސުޕްރީމް ކޯޓުން ކުރި ހުކުމަކީ އެކަމަށް ލިބުނު ފުރުސަތެއް ކަމަށާއި އެކަން ނުކުރެވުނީ ރައީސް ޔާމީންގެ ސަބަބުން ކަމަށް ނަޒީރު ވިދާޅުވިއެވެ.
"އާ ގާނޫން އަސާސީން ދައުލަތް ހިންގުމަށް އިންގިލާބީ ބަދަލެއް ގެނެވުނު. އެބަދަލު ނުގެނެވުނީ ޝަރުއީ ދާއިރާއަށް. އެކަން ކުރުމަށް މިހާރު އޮތް ހުރަހަކީ ޢަބްދުﷲ ޔާމީން. އެހެންވެ އެވެރިކަން ބަދަލު ކުރަން ޖެހޭ. 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން އެކުރީ އެކަންކަން ހިނގާކަމާ ރަނގަޅު ކުރަން ޖެހޭ ކަން ހާމަކޮށްދިން ހުކުމެއް. އެކަމަކު ޔާމީނާ ހެދި އެކަން އިސްލާހް ނުކުރެވުނީ" ނަޒީރު ވިދާޅުވިއެވެ.