އިމާދުއްދީން ސްކޫލުގެ ހުރިހާ ކްލާސް ރޫމެއްގައި ސްމާޓް ޓީވީ ހަރުކުރުމުގެ ޚާއްސަ މަޝްރޫއެއް އެސްކޫލުގެ ޕީޓީއޭ އިން ފަށައިފިއެވެ.
ރާއްޖެ ޓީވީގެ ޚަބަރު ފީތާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޕީޓީއޭގެ ނައިބު ރައީސް އަހުމަދު އަންވަރު ވިދާޅުވީ ސްކޫލުގެ ޕީޓީއޭގެ މިއަހަރުގެ އެންމެބޮޑު އަމާޒަކީ ދަރިވަރުންނަށް ތައުލީމް ހާސިލް ކުރެވޭނެ ފަހި މާހައުލެއް ޤާއިމް ކުރުމަށާއި ކިޔަވައިދިނުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރުން ކަމަށެވެ. އަދި އެކަމަކީ ޕީޓީއޭގެ އިތުރުން ހުރިހާ ބެލެނިވެރިން ވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަން އޭނާ ފާހަގަކުރެއްވިއެވެ.
އަންވަރު ވިދާޅުވީ ހުރިހާ ކްލާހެއްގައި ޓީވީ ހަރުކުރުމުގެ މަޝްރޫއަކީ މިދިޔަ އަހަރު ވެސް ކޮންމެ ވެސް ވަރަކަށް އަމަލީ މަސައްކަތް ފެށިފައިވާ މަޝްރޫއެއް ކަމަށާއި އަދި މިހާރު އަމާޒުކޮށްފައި ވަނީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ ކްލާހެއްގައި ވެސް ސްމާޓް ޓީވީ ހަރުކޮށް ނިންމާލުން ކަމަށެވެ.
ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ޝަކީބާ އަލީ ވިދާޅުވީ މިކަން ކުރުމަށް ފައިސާ ހޯދުމުގެ ގޮތުން ވަރަށް ގިނަ ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ބުރާސްފަތި ދުވަހު ސްކޫލުގެ މިއަހަރު ބާއްވާ ދަރިވަރުންގެ ކޮންސެޓް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކޮންސެޓްގެ ފުރަތަމަ ޝޯވ ބޭއްވުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހު ހަވީރު 4 ޖަހާއިރުއެވެ. އަދި ހުކުރު ދުވަހުގެ ހަވީރާއި ރޭގަނޑު ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ހޮނިހިރު ދުވަހު ހަވީރާއި ރޭގަނޑު ވެސް ޝޯވއެއް އޮންނާނެ ކަމަށް ޝަކީބާ ވިދާޅުވިއެވެ.
"ބުރާސްފަތި ދުވަހު ހަވީރު ކޮންސެޓް ފެށޭނެ. އެކޮންސެޓް ހިނގަމުންދާއިރު ފަންޑް ފޮއްޓެއް ވެސް ހުންނާނެ. އަޅުގަނޑުމެން އެދެން ހެޔޮއެދޭ ފަރާތްތަކުން އަޅުގަނޑުމެންގެ މިހަރަކާތުގައި ބައިވެރިވެ މިކަން ކުރުމަށް އެހީތެރިވެދިނުން،" ޝަކީބާ ވިދާޅުވިއެވެ.
އަންވަރު ވިދާޅުވީ މި ޕްރޮޖެކްޓް ހިންގުމަށް އެއްވެސް ބެލެނިވެރިއެއްގެ އަތުން ފައިސާ ނެގުމަށް ހަމަޖެހިފައި ނުވާ ކަމަށާއި ނަމަވެސް ހެޔޮއެދޭ ބަލެނިވެރިނާއި ބެލެނިވެރިންނާ ގުޅުން އޮންނަ ފަރާތްތަކުން ފައިސާ ދިނުމުގެ އިންތިޒާމް ހަމަޖެހިފައި ވާކަމަށެވެ. އެގޮތުން ކޮންސެޓް ކުރިއަށްދާއިރު ފަންޑުފޮއްޓެއް ހުޅުވިފައި ހުންނާނެ ކަމަށާއި އެފަންޑަށް ފައިސާގެ އެހީތެރިކަން ދިނުމުގެ ފުރުސަތު އެންމެހާ އާއްމު ރައްޔިތުންނަށް ވެސް ހުޅުވާލެވިފައިވާ ކަމަށެވެ.
"މި ޕްރޮޖެކްޓް ހިންގުމަށް އެއްވެސް ބެލެނިވެރިއެއްގެ އަތުން ފައިސާއެއް ނުނަގާނަން. ހަމަ ހެޔޮ އެދޭ ފަރާތްތަކުން ދޭ ދީލަތި އެހީ އާއި ހިންގޭ ތަފާތު ހަރަކާތްތަކުން ފައިސާ ހޯދާނީ،" އަންވަރު ވިދާޅުވިއެވެ.
ކޮންސެޓާއި ފަންޑު ހުޅުވުމުގެ އިތުރުން ކެންޓީން ހިންގުމާއި ވެހިކަލް ސާފުކުރުން އަދި ބެލެނިވެރިންގެ މެދުގައި ބޭއްވޭ އެއް ދުވަހުގެ ފުޓްސަލް މުބާރާތަކާއި ހޭންޑްބޯލް މުބާރާތެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެ މުބާރާތްތަކުގައި ކުޅޭ ކުޅުންތެރިންގެ ޖާޒީ ނީލަން ކިއުމާއި މެޗާ ގުޅުން ހުރި ތަފާތު އެހެނިހެން ފަންޑްރައިޒިން ހަރަކާތްތައް ވެސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
އިވެންޓްގެ މީޑިޔާ އެންޑް މާކެޓިންގ ކޮމެޓީން ބުނީ ހެޔޮއެދޭ ސްޕޮންސަރުންނާ ބައްދަލުކޮށް އެފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ނިންމާފައިވާ ކަމަށާއި މިހާރު ވެސް އެފަދަ ފަރާތްތަކެއްގެ ވަރަށް ބޮޑު ދީލަތި އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ.
ނޯމަލް ކްލާހުގެ ގޮތުގައި 32 ކްލާސް ރޫމާއި ސްޕެޝަލް ނީޑް ދަރިވަރުންނަށް ކިޔަވައިދޭ 4 ކްލާސްރޫމެއް ހުންނަ އިމާދުއްދީންގައި ހަރުކުރުމަށް ހަމަޖެހިފައި ވަނީ 55 އިންޗީގެ އެންޑްރޮއިޑް ސްމާޓް ޓީވީއެވެ.
އިމާދުއްދީންގެ ޕީޓީއޭ އިން އިސްނަގައިގެން ވަނީ ސްކޫލުގެ ކްލާސްތަކުގައި ފަންކާތަކެއް ވެސް މިއަހަރު ހަރުކޮށްފައެވެ.