ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓާފައިވާ ރާއްޖެޓީވީގެ ނޫސްވެރިން ކަމަށްވާ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމާއި ސީނިއަރ ވީޑިއޯ ޖާރނަލިސްޓް މުހައްމަދު ވިސާމްގެ ފޯނު ފުލުހުން ދީފިއެވެ.
ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރު ދޭ ވީޑިއޯއެއް އުފައްދައި ސޯޝަލް މީޑިއާއަށް އަޕްލޯޑްކުރި ކަމުގެ ތުހްމަތުގައި ވިސާމާއި އާމިރުގެ ފޯނު ކޯޓް އަމުރެއްގެ ދަށުން ފުލުހުން ހިފެހެއްޓީ މާރްޗް މަހުގެ 16 ވަނަ ދުވަހުގައެވެ. އެ ދެ މީހުންގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން ފުލުހުންނަށް ހެއްކެއް ދެއްކިފައި ނުވާތީ އެ ދެ މީހުން ކްރިމިނަކް ކޯޓުން ދޫކޮށްލާފައި ވަނީ މާރަޗް މަހުގެ 27 ވަނަ ދުވަހު އެވެ.
ފޯނު ހަވާލާކުރުމަށް ފަހު މައްސަލަ ތަޙްގީގް ކުރަމުންދާ ފުލުހުން ބުނީ ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރު ދޭ ވީޑިއޯއެއް އުފައްދައި ސޯޝަލް މީޑިއާއަށް އަޕްލޯޑްކުރި މައްސަލައިގެ ތަޙްގީގް އަދިވެސް ނުނިމޭ ކަމަށެވެ. މައްސަލައާ ގުޅުން ހުރި ކަންކަން ދިރާސާ ކުރަމުންދާ ކަމަށް ބުންޏެވެ.
މައްސަލައިގެ ތަހްގީގު ކުރިއަށްދާއިރު، ވިސާމާއި އާމިރު ކޯޓުން ދޫކޮށްލާފައި ވަނީ ތަޙްގީގް ނިމެންދެން މާލޭ ސިޓީ އިން ބޭރަށް ދާ ނަމަ ފުލުހުންގެ ހުއްދަ ހޯދައިގެން ދިއުމަށް ޝަރުތު ކުރުމަށް ފަހުގައެވެ. މިމައްސަލާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ރައީސް އަދި މީޑިއާ ކޯޑިނޭޓަރު ހަސަން އިސްމާއީލް ވެސް ވަނީ ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައެވެ.
ވިސާމާއި އާމިރު ހައްޔަރު ކުރީ، ރާއްޖެ ޓީވީއަކީ ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދޭ ސްޓޭޝަނެއް ކަމަށާއި ބަންދުކުރަންޖެހޭ ކަމަށް ވެރިކަންކުރާ ޕާޓީ ޕީޕީއެމް އިން ބުނެފައިވާ ދަނޑިވަޅެއްގައެވެ. އަދި ރާއްޖެ ޓީވީ ނައްތާލުމަށް ވެސް ގޮވާލާފައި ވަނިކޮށެވެ.