ހައްޔަރުކޮށްފައިވާ ސިޔާސީ ފަރާތްތަކަށް ލިބެންޖެހޭ ހައްގުތައް ޖަލުތަކުން ނުލިބޭ ކަމަށް ބުނެ، ގުޅިފައިވާ ޕާޓީތަކުން ކަރެކްޝަނަލް ސާވިސްގެ އިސް ބޭފުޅުންނާ ބައްދަލު ކުރަން ވަޑައިގަތުމުން، އެ ބޭފުޅުންނާ ބައްދަލު ކުރަން ކަރެކްޝަނުން ދެކޮޅު ހަދައިފިއެވެ.
ގުޅިފައިވާ ޕާޓީތަކުން ކަރެކްޝަނަލް ސާވިސްގެ އިސް ބޭފުޅުންނާ ބައްދަލު ކުރުމަށް، ޣާޒީ ބިލްޑިންއަށް ދިއުމުން ކަރެކްޝަނަލް ސާވިސްއިން ބުނެފައި ވަނީ އެފަދަ ބައްދަލުވުން ކުރިއަށް ގެންދެވޭނީ ދުރާލައި ފޯމް ހުށަހަޅައިގެން ކަމަށާއި އެޕޮއިންޓްމަންޓް ހަމަޖެހުމުން އަންގާނެ ކަމަށެވެ. ބައްދަލުވުން ހަމަޖެއްސޭނެ ދުވަހެއް ކަރެކްޝަނަކުން ނުބުނެއެވެ.
ޣާޒީ ބިލްޑިން އިން ނުކުމެވަޑައިގެން، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ޖަލަށްލާފައިވާ ބޭފުޅުންނާ މެދު ކަރެކްޝަނަލް ސާވިސް އިން އިހްމާލުވަމުންދާ ކަމަށާއި އެކަމުގައި އެ ބޭފުޅުން ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.
"ކޮންމެ ބޭފުޅަކު ކަމުގައި ވީނަމަވެސް އެ ބޭފުޅުން ޒިންމާދާރު ކުރުވާނަން. އެބޭފުޅުން މިއަދު އެވާ އިހުމާލަން މާދަމާ ޖަވާބުދާރީ ކުރުވާފަ، އަޅުގަނޑުމެން އިދާރަ ކުރެއްވިއްޔާ ދިވެހިރާއްޖޭގެ ރައްޔިތުންނަށް މި ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ކިހާ ވަރެއްގެ ފޮނި މީރު އެއްޗެއްކަން ހާމަކޮށްދޭނަން،" ބާރަށު ދާއިރާގެ މެމްބަރުކަން ވެސް ކުރިން ކުރެއްވި ޝިފާޒު ވިދާޅުވިއެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ހުކުމް އިއްވާފައިވާ މީހާ އަށް ވުރެ ބޮޑަށް، ސިޔާސީ މީހަކަށް ތުހުމަތެއްކޮށް ހައްޔަރުކޮށްފި ނަމަ އެ މީހާއަށް ލިބޭ އަދަބު ބޮޑު ކަމަށެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ބައްދުކޮށްފައި ވަނީ އިންސާނީ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ކަމަށާއި އަސާސީ ހައްގުތަކުން އެފަދަ ބޭފުޅުން މަހުރޫމު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ސިޔާސީ ބޮޑެތި ލީޑަރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާމެދު މިގޮތަށް އަމަލު ކުރާއިރު، އާންމު ރައްޔިތުންނާ މެދުގައި ކަންތައްތައް ވެގެންދާނެ ގޮތައް ވިސްނާބައްލަވާ. މުއައްސަސާތަކުން މިކަމުގައި ޖަވާބުދާރީވާންޖެހޭނެ. ގާނޫނުގެ ތެރެއަށް ނުވަންނަ ނަމަ، އެބޭފުޅުން ޖަވާބުދާރީ ކުރުވާނެ ދުވަހެއް އަޅުގަނޑުމެން ކުރިމަތިކުރުވާނަން،" އިންތި ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު ވިދާޅުވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ބަންދުކޮށްފައި ވަނީ އިންސާނީ އެއްވެސް ހިލަމެއް ނުވާ ގޮތަށް ކަމަށާއި އެއީ ގާނޫނުތައް ހުއްދަ ކުރާ ގޮތެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެއް ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައި ތިބި ބަޔަކަށް އެކި ގޮތްގޮތަށް ކަރެކްޝަނަލް ސާވިސް އިން އަމަލު ކުރަމުންދާ ކަމަށާއި އެކަމުގެ ކަންބޮޑުވުން އެ ސާވިއްސާ ހިއްސާ ކުރަން ބޭނުންވާ ކަމަށެވެ.
"މިހާރު ދިމާވެގެން މިއުޅޭ ހާލަތާއި، އަޅުގަނޑުމެން މިދާ ހައިސިއްޔަތަކީ ތަފާތު ހާލަތެއް. މިފަދަ ހާލަތްތަކުގައި އަމަލު ކުރެވޭނެ ގޮތްތަކެއް ކޮންމެ މުއައްސަސާއެއްގައި ވެސް އޮންނާނެ. އަޅުގަނޑުމެންގެ ގޮވާލުމަކީ ހުރިހާ ފަރާތްތަކާއެކަށް ވެސް އިންސާނީ ކަރާމާތާ އެއްގޮތަށް. އަދި ރާއްޖޭގެ ގާނޫނުތަކާއި ގާނޫނުއަސާސީ އާއި މުއާހަދާތަކާ އެއްގޮތަށް އަމަލު ކުރާށޭ،" އަލީ ޒާހިރު ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ކަރެކްޝަނަލް ސާވިސްއަށް ވަޑައިގެންނެވީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިސް ބޭފުޅުންނެވެ. އެބޭފުޅުންނާ އެކު ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ވެސް ކަރެކްޝަނަލް ސާވިސްއަށް ވަޑައިގެންނެވިއެވެ.