ހދ. ނޮޅިވަރަމްގައި ދަންޖެހިފައި ހުއްޓާ ފެނުނު ޝާހިދާ އަލީގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފިއެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ޝާހިދާގެ މަރަށް މަހަކަށް ވުރެ ގިނަ ދުވަސްވެފައި ވަނިކޮށެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން، ޝާހިދާގެ މަރުގެ މައްސަލާގައި 61 އަހަރުގެ ފިރިހެނަކު ނޮޅިވަރަމުން ހައްޔަރުކޮށްފައިވާ ކަމަށެވެ. "ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ޝާހިދާގެ ފިރިމީހާ އަބޫބަކުރެވެ.
އުމުރުން 42 އަހަރުގެ ޝާހިދާ އަލީގެ މަރާމެދު ޝައްކުތަކެއް އުފެދޭތީ، މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އޭނާގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ގެންގޮސް، ޕޯސްޓޮމޯޓަމް ހަދާފައިވެއެވެ.
ނަފުސާނީ މައްސަލަތަކެއްގެ ތެރޭގައި އުޅުނު ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހުގެ ރޭ ފަތިހުއެވެ. އޭނާ ދަންޖެހިފައި ހުއްޓާ އެންމެ ފުރަތަމަ ފެނުނީ އޭނާގެ ފިރިމީހާ ފަތިސް ނަމާދުން ފައިބައިގެން އައިތަނުން ކަމަށް އާއިލާއިން އޭރުވަނީ ބުނެފައެވެ.
ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ ގޭގެ ގިފިލި ތެރެއިންނެވެ. ދަންޖެހިފައި ހުރީ އަސްކަންޏެއްގެ ލަކުޑި ބެރިއެއްގައެވެ.
އެ މަރާމެދު ޝައްކުތަކެއް އުފެދުނީ އޭނާ ދަންޖެހިފައި ހުރި ވާގަނޑު މާ އުހުގައި އައްސާފައި ހުރުމުންނާއި މާ ވަރުގަދައަށް އެ ވާގަނޑު ބާރުކޮށްފައި ހުރުމުންނެވެ. ޝާހިދާގެ އާއިލާއިން ތުހުމަތު ކުރާ ގޮތުގައި ނަފްސާނީ މައްސަލަތަކެއްވެސް ތަޙައްމަލް ކުރަމުންދިޔަ ޝާހިދާއަސް 12 ވަރަކަށް ފޫޓު އުހުގައި ވާގަނޑެއް އެއްސުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެ ވާގަނޑު އެއްސުމަށް އަރާނެ ހަރުގަނޑެއް ނުވަތަ ގޮނޑިއެއްވެސް އެ ތަނުގައި ނެތް ކަމަށް ޝާހިދާގެ އާއިލާއިން ބުންޏެވެ.
ޝާހިދާ މަރުވުމުގެ ދުވަސްތަކެއް ކުރިން އޭނާ ގެއްލިގެން ހޯދާފައިވެސް ވެއެވެ. އެފަހަރު އޭނާ ފެނިފައިވަނީ އެރަށު ވަލުތެރެއިންނެވެ.
ޝާހިދާގެ މަރާމެދު ޝައްކުތަކެއް އުފެދިގެން، އޭނާގެ ޕޯސްޓުމޯޓަމް ހެދުމަށްފަހު ވަޅުލާފައި ވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުއެވެ. އެ މަރާ ގުޅޭ ތަފްސީލުތަކެއް ފުލުހުން އާންމެއް ނުކުރެއެވެ.