ކޯޓް އަމުރެއްގެ ދަށުން ދިއްދޫ ކައުންސިލް އިދާރާއަށް ފުލުުުހުން ވަދެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ދިއްދޫ ކައުންސިލްގެ މެންބަރަކު ވިދާޅުވީ، ފުލުހުންގެ ބޭކަލުން ކޮޅެއް ދިއްދޫ ކައުންސިލް އިދާރާއަށް ވަނީ އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން އަންގާރަ ދުވަހު ނެރެފައިވާ ކޯޓުއަމުރެއް ހޯދައިގެން ބުދަ ދުވަހުގެ 10.00 ގައެވެ.
ރާއްޖެއެމްވީއަށް ކޮޕީ ލިބިފައިވާ ކޯޓް އަމުރުގައިވާ ގޮތުން ފުލުހުން އެ އިދާރާއަށް ވަނީ، 1 ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ އެ ކައުންސިލުން ނެރުނު ބަޔާނާއި ގުޅޭ ލިޔެކިއުންތަކުގެ އަސްލު ހޯދުމަށެވެ.
އަދި ތުހުމަތު ކުރެވޭ ކުށުގެ ގޮތުގައި، ސައްޚަ ލިޔުމަށް ބަދަލު ގެނައުމާއި، އެ ހަދައި ލިޔުން ނަކަލު ކުރުމާއި، އަގުހުރި އެއްޗެއް ނަކަލުކޮށް އަސްލުގެ ގޮތުގައި ދެއްކުމާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ނުވަތަ ނުރަނގަޅު އަމަލެއް ފޮރުވުމުގެ ނިޔަތުގައި، އެނގި ހުރެ އެ އެއްޗަކީ ވަކި މީހަކު ހެދި އެއްޗެއްކަމުގައި ނުވަތަ ވަކި އަސްލެއް އޮތްކަމުގައި، އަދި ވަކި ދުވަހެއްވީ، އެއްޗެއް ކަމުގައި ސައްޚަ ނޫން ގޮތުގައި ދެއްކުމަށްޓަކައި ލިޔެކިއުމެއް އުފެއްދުމާއި، ލިޔުމަށް ބަދަލު ގެނައުމުގައި، ލިޔުމެއް ނުވަތަ އެއްޗެއް ތެދުކަން ދެއްކުމުގެ ގޮތުން ކަމެއް ތަކުރާރު ކުރުން ނުވަތަ އެފަދަ ލިޔުމެއް ނުވަތަ އެއްޗެއްގައިވާ ކަމެއް ބަޔާން ކުރުން ކަމުގައި ބުނެފައިވެއެވެ. ދިއްދޫ ކައުންސިލަށް ފުލުހުން ވަދެ މިހާރު ވަނީ އެ ލިޔެކިއުންތަކުގެ އަސްލު ގެންގޮސްފައެވެ.
އެކެއް ފެބުރުއަރީގެ އަމުރު ތަންފީޒުކުރުމަށް ގޮވާލާ ނެރުނު ނޫސްބަޔާނާ ގުޅޭ ލިޔުންތައް ސަރުކާރުގެ ލިޔެކިއުން ބަދަލުކުރާ ނިޒާމުގެ ތެރެއިން ފޮނުވާފައިވާނެ ކަމަށާއި، މިހާރުވެސް އެލްޖީއޭގައި އެތަކެތި ހުންނާނެ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
އެކެއް ފެބުރުއަރީގައި ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ދިއްދޫ ކައުންސިލުން ނެރުނު ނޫސް ބަޔާނާއި ގުޅިގެން ދިއްދޫ ކައުންސިލްގެ 4 މެންބަރުން ވަނީ ސަސްޕެންޑް ކޮށްފައެވެ. އެ ހަތަރު މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުންނެވެ.
އެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ހޯދުމަށް ނޫން ގޮތެއްގައި ކައުންސިލްގެ އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އެއްވެސް ހައިސިއްޔަތުން ކައުންސިލް ތަމްސީލު ކުރުން އެފަރާތްތަކަށް އެލްޖީއޭ އިން ވަނީ މަނާކޮށްފައެވެ.