ގައުމީ ކޮމްޕްލެއިންޓްސް ބިޔުރޯއަށް މެމްބަރުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ކޮމްޕްލެއިންޓްސް ބިޔުރޯއަށް މެމްބަރުން ހޯދަށް އިއުލާން ކުރިއިރު، އެކަމަށް އެދޭ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ދީފައިވަނީ އެންމެ ދުވަހެކެވެ.
އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން ކޮމްޕްލެއިންޓްސް ބިޔުރޯއަށް ފަސް މެމްބަރަކު ހޯދުމަށް ވަނީ އިއުލާން ކޮށްފަ އެވެ.
އެއިއުލާންގައިވާ ގޮތުން އެއީ އިންތިހާބުގެ މަސައްކަތްތަކަށް ހާއްސަ ހަތް މަސް ދުވަހަށް ކޮންޓެރެކްޓް އުސޫލުން ހޯދަން ބޭނުންވާ ފަރާތްތަކެކެވެ.
އެ ފަރާތްތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ކޮމްޕްލެއިންޓްސް ބިޔުރޯއަށް ހުށަހެޅޭ ޝަކުވާތައް ބަލައި، އެކަންކަން ކޮމިޝަންގެ މެމްބަރުންނަށް އެންގުމެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދާއިރު، ކޮމްޕްލެއިންޓްސް ބިޔުރޯއަކީ އެކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި ޝަކުވާތައް ހުށަހެޅުމަށް އޮންނަ ބިޔުރޯ އެކެވެ.
މިވަޒީފާއަށް އެދޭ ފަރާތްތަކުން މިމަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ 15:00 އަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުން އެދޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އިލެކްޝަސް ކޮމިޝަނުން މި އިއުލާން ކޮށްފައިވަނީ ބުދަ ދުވަހު އެވެ. އެހެންކަމުން ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ލިބިފައި މިވަނީ އެންމެ ދުވަހެކެވެ.