ހުޅުމާލޭގައި ދިރިއުޅޭ ބައެއް ރައްޔިތުން އާންމު ތަންތަނުގައި ހެދިކާ ވިއްކަން ތިބޭތީ ހުޅުމާލޭގައި ހެދިކާ ވިއްކަން ތިބެވޭނެ ވަކި ސަރަހައްދުތަކެއް ކަނޑައަޅައިފި އެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯރަޕޭޝަން (އެޗްޑީސީ)އިން ނެރެފައިވާ އިއުލާނެއްގައި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހެދިކާ ވިއްކުމުގެ ހިދްމަތް ދިނުމަށްޓަކައި "ހުޅުމާލެއިން ކަނޑައެޅިފައިވާ ސަރަހައްދު ހެދިކާ ވިއްކުމުގެ އުސޫލް" އެކުލަވާލެއް އެކުލަވާލާފައިވާ ކަމަށެވެ. އެހެންކަމުން އެ އުސޫލާއެއްގޮތަށް ހެދިކާ ވިއްކާ ފަރާތްތަކުން އަމަލު ކުރުމަށް ވަނީ އަންގާފަ އެވެ.
މިހާރު އަމަލުކުރަން ފަށާފައިވާ މި އުސޫލުގައިވާ ގޮތުން ހެދިކާ ވިއްކުމަށް ހުޅުމާލެއިން ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހެދިކާ ވިއްކޭނީ އެކަމަށް އެދި އެޗްޑީސީއަށް ފޯމެއް ހުށަހަޅައި އެޗްޑީސީގެ ހުއްދަ ލިބިގެންނެވެ. އެޗްޑީސީން މިއުލާން ކޮށްފައިވަނީ މިމަހަުގެ 10 ވަނަ ދުވަހު އެވެ. އެކަމަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ މިމަހުގެ 12 ވަނަ ދުވަހުގެ 15:30 އެވެ.
އެޗްޑީސީން ބުނީ ހެދިކާ ވިއްކުމުގެ ހުއްދަ ދެވޭނީ ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އަދި އިންޓަވިއުކޮށް، އެންމެ މަތީ މާކްސް ހޯދާ ފަރާތްތަކަށް ކަމަށެވެ.
އެޗްޑީސީން ބުނީ ހެދިކާ ވިއްކުމަށް ތިބެވޭނެ ސަރަހައްދުތަކުގެ ހުއްދަ ދޫކުރެވޭނީ އެއް އަހަރު ދުވަހަށް ކަމަށާއި އަދި ރަޖިސްޓްރޭޝަން ފީ އެއްގެ ގޮތުގައި 150 ރުފިޔާ ކޮންމެ އަހަރަކު އެ ކޯޕަރޭޝަނަށް ދައްކަން ޖެހޭނެ ކަމަށް ވެސް މި އުސޫލުގައިވެ އެވެ. އަހަރުން އަހަރަށް މި ހުއްދަ އާ ކުރެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ބުނީ ހެދިކާ ވިއްކުމުގެ ހުއްދައަށް އެދޭފަރާތަކީ ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށާއި ހުޅުމާލޭގައި ގޯއްޗެއް ނޫނީ ފްލެޓެއް ނޫނީ ރޯ ހައުސްއެއް ހުރި ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީގެ މިންގަނޑާ އެއްގޮތަށް ހިދުމަތް ދެވޭނެ މީހަކަށް ވާންޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.