އޭއެފްސީ ކަޕްގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތުކޮޅުގައި ބައިކޮޅަށް ވަން ލަނޑުން ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިވެއްޖެއެވެ.
ބެންގަލޫރުގައި ކުޅުނު މި މެޗުން ނިއު ބަލިވީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. މި މެޗާއި ދެ ޓީމުން ވެސް ކުރިމަތިލީ ޕޮއިންޓްގެ ގޮތުންނާއި ލަނޑުގެ ތަފާތުން އެއްވަރުވެ އޮވެގެންނެވެ. މި މެޗަށް ނިއުއިން ވަރުގަދަ ފުރަތަމަ އެގާރައެއް ނެރުނުއިރު އެ ޓީމުގެ މުހިންމު ހުރިހާ ކުޅުންތެރިން ވަނީ ފެނިގެންގޮސްފައެވެ. އެހެން ނަމަވެސް ބެންގަލޫރުން މި މެޗަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން ކެޕްޓަން ސުނިލް ޗެތުރީ ބެންޗުން ފެށިއިރު އެހެން ބަދަލުތަކެއް ވެސް ބެންގަލޫރުގެ ޓީމުން ވަނީ ފެނިގެންގޮސްފައެވެ.
ފުރަތަމަ ހާފު ފެށިގެން ނިއުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ބެންގަލޫރުގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދާފައެވެ. މެޗުގެ 15 ވަނަ މިނެޓުގައި ބެންގަލޫރުގެ ފޯވާޑް ސެމްބޯއި ހޯކިޕް ފޮނުވާލި ހަމަލާ ނިއުގެ ގޯލު ރޮނގުމަތިން ދިފާއު ކުރީ އެ ޓީމަށް ކުޅެމުން އަންނަ އަފްޣާނިސްތާނުގެ ކެޕްޓަން އާމިރީއެވެ.
ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ވަނީ ރަނގަޅު ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނިގެންގޮސްފައެވެ. ދަގަނޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބެންގަލޫރުގެ ގޯލު ތެރެއަށް ނިއުގެ ބިދޭސީ ފޯވާޑް ބޯޅަ ވައްދާލި ނަމަވެސް އޭނާ ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށް ރެފްރީ ވަނީ ނިންމާފައެވެ. މެޗު ބަދަލު ކޮށްލުމުގެ އުއްމީދުގައި ބެންގަލޫރުން ޗެތުރީ ކުޅެން އެރުވިއިރު އޭނާއަށް ވެސް މާ ބޮޑު ބަދަލެއް މެޗަށް ގެނެވިފައެއްނުވެއެވެ. ރެފްރީގެ ނިންމުންތަކާއި ދެކޮޅު ހެދުމުގެ ސަބަބުން ބެންގަލޫރުގެ ކޯޗު މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ވަނީ ބެންޗުން ފޮނުވާލާފައެވެ. މި މެޗުން ބެންގަލޫރު މޮޅުވި ލަނޑު އިތުރު ވަގުތުގެ ތެރޭގައި ޗެތުރީ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް ޖަހައިދިނީ ނީޝޫ ކުމާރުއެވެ.
މި މެޗާއެކު ބަލިނުވެ ނިއުއިން ހަމަކުރި 22 މެޗުގެ ސިލްސިލާއަށް ވަނީ ނިމުމެއް އައިސްފައެވެ. ހަމައެހެންމެ ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ކުޅުނު ހުރިހާ މެޗެއް ވެސް ބެންގަލޫރުން ވަނީ މިހާތަނަށް ކާމިޔާބު ކޮށްފައެވެ.
ގްރޫޕުގެ އެއްވަނައިގައި ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ބެންގަލޫރު އޮތްއިރު ނިއު އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކު ދެވަނައިގައެވެ.