ކުއްޑޫއަށް ބަނދަރުކޮށްފައި އޮތް މަސް ކިރާ ކެރިއާ ބޯޓު ބަރާވެ، ފުލްވަމުން ދާތީ، 2،500 ޓަނުގެ އިތުރު ކެރިއާ ބޯޓެއް ގެންނަން މޯލްޑިވްސް އިންޓަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ނިންމައިފިއެވެ.
މިފްކޯގެ އިސް އޮފިޝަލަކު ރާއްޖެއެމްވީއަށް ވިދާޅުވީ ކުއްޑޫއަށް މިހާރު ބަނދަރުކޮށްފައި އޮތް ބޭރުގެ ކެރިއާ ބޯޓު ބަރާވެ، ފުލްވަމުންދާ ކަމަށެވެ. ދެހާސްފައްސަތޭކަ ޓަނުގެ ކެޕޭސިޓީގެ އެ ބޯޓަށް ދެން ކިރޭނީ 1،100 ޓަނުގެ މަސް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަސް ކިރުން، ނުހުއްޓި ކުރިއަށް ގެންދިއުމަށް 2،500 ޓަނުގެ އިތުރު ކެރިއާ ބޯޓެއް ގެނައުމުގެ މަސައްކަތް މިފްކޯއިން ފަށާފައިވާ ކަމަށާއި ވަރަށް އަވަހަށް އެ ބޯޓު ކޫއްޑޫއަށް ބަނދަރު ކުރާނެ ކަމަށެވެ.
ރާއްޖޭގެ ދެކުނަށް އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެ، ރެކޯޑު މިންވަރަކަށް މަސް ދަނީ ބާނަމުންނެވެ. މިފްކޯއިން އަންގާރަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދެކުނުން މަސް ކިރާ ކެޕޭސިޓީ އިތުރު ކުރުމަށް، އުތުރުގައި މަސް ކިރަން ހަރަކާތްތެރިވި އެކުންފުނީގެ "ކަލަމިންޖާ 402" ބޯޓް ދެކުނަށް ގޮސް މަސް ގަންނަން ފަށާފައިވާ ކަމަށެވެ.