ފަތުވާ ކޮމިޓީ ވަނީ ސިޔާސީވެފައި ކަމަށާއި ދުވަސްކޮޅަކުން ފަތުވާ ކޮމިޓީ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން މަސައްކަތުން ވެސް ފެނިދާނެ ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، އަލީ ޒާހިރު ވިދާޅުވީ، ފަތުވާ ކޮމިޓީ އުފެދިފައިވަނީ 2008 ވަނަ އަހަރު އުފެދުނު ސަރުކާރުގައި އަދާލަތު ޕާޓީގެ އިސް ފަރާތްތައް އިސްލާމިކް މިނިސްޓްރީގައި ތިއްބެވި އިރު ކަމަށާއި އެހެން ނަމަވެސް ފަހުން އެ ކޮމިޓީގެ ނަމާ އުސޫލުތަކަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.
އޭރު އެކޮމިޓީ އުފައްދާފައި ވަނީ ރައްޔިތުންނަށް އިތުބާރު ކުރެވޭނެ ފަދަ ގޮތަކަށް ކަމަށާއި ހުރިހާ ފަންނެއްގެ އަދި ހުރިހާ ހިސާބުތަކަކުން އިލްމު އުނގެނި ވަޑައިގެން ތިއްބެވި އިލްމުވެރިންނާއި އެހެނިހެން ފަންނުތަކުގެ ފަރާތްތައް ހިމަނައިގެން ކަމަށެވެ.
" އޭރު އެކޮމިޓީގައި ތިއްބަވާ ބޭފުޅުން ނިންމެވި ނިންމެވުންތަކާއި އަންގާ އެންގުންތަކަށް އިހްތިރާމު ކުރޭ. އެއީ ހުރިހާ ދާއިރާއަކުން ވަރަށް ބޮޑަށް ބެލެންސް ކޮށް ނިންމާ ނިންމުންތަކަށްވާތީ. އަދި ސަރުކާރުގެ ނުފޫޒެއް ނެތް ގޮތަށް މިނިވަން މުސްތަގިއްލުކޮށް ނިންމުންތައް ނިންމާތީ. އެހެން ނަމަވެސް މިހާރު އެކޮމިޓީއަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މެންބަރުން ހިމެނޭ ކޮމިޓީއެއް." އަލީ ޒާހިރު ވިދާޅުވި އެވެ.
އަލީ ޒާހިރު ވިދާޅުވީ، މިހާރު އެކޮމިޓީއަކީ ރައީސުލްޖުމްހުރިއްޔާ އަންގަވާ ގޮތަށް ނުވަތަ ބޭނުންވާ ގޮތަށް ގޮތްތަށް ނިންމާ ބައެކޭ ބުނުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި މިހާރު ފެނިގެންދަނީ ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު އެކޮމިޓީއަށް އޮތް މަންޒަރު ކަމަށެވެ.
" ތިކޮމިޓީގެ ފަރާތުން އަދި ކެމްޕެއިންވެސް ކުރާނެ. 2018 ވަނަ އަހަރަށް އަބްދުﷲ ޔާމީންގެ ކެމްޕެއިން ވެސް ނުކުރާނެ އެކޭ އަޅުގަނޑެއް ނުދަންނަވާނަން. ލޯގޯ ޖައްސަވައިގެން އުޅޭތަން ވެސް ފެނިދާނެ." އަލީ ޒާހިރު ވިދާޅުވި އެވެ.
އަލީ ޒާހިރު ވިދާޅުވީ، އިސްލާމީ ފަތުވާ ދޭ ކޮމިޓީތަކަކީ ދުނިޔޭގެ އެހެން ހިސާބުތަކުގައި ވެސް އާންމުންގެ އިހްތިރާމު ލިބި ގަދަރުވެރި ބައެއް ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ފަތުވާ ކޮމިޓީއަކީ އެއްވެސް ވަރަކަށް އިތުބާރު ކުރެވޭ ބައެއް ނޫން ކަމަށެވެ.