ހދ. އަތޮޅުގެ 8 ރަށަކާއެކު ޖުމްލަ 12 ރަށެއް ވަރުވާއަށް ކުއްޔަށް ދިނުމަށް ފިޝަރީޒް މިނިސްޓްރީއިން އިއުލާންކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީއިން އަންގާރަ ދުވަހު ވަރުވާއަށް ދޭން އިއުލާންކުރީ ހދ އަތޮޅުގެ 8 ރަށެއްގެ އިތުރުން ބ. ގެމެންދޫއާއި، ދ. ބޯރިކިފިނޮޅާއި، ދ. އާރަށުގެ އިތުރުން ގއ. ދެއްވަލާބަދޫއެވެ.
ހދ އަތޮޅުން ވަރުވާއަށް ދޭން ނިންމި ރަށްތަކަކީ ހިރިނައިދޫ، ރުއްފުށި، ކަނަމަނަ، ކައްޓަލަފުށި، ކުރެދިގަނޑު، އިންނަފުށި، ވެލިގަނޑު އަދި ފެންބޯހުރާއެވެ. މީގެ ތެރެއިން ބައެއް ރަށްތަކަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުވެސް ވަރުވާއަށް ދޫކުރުމަށް އިއުލާންކުރި ރަށްތަކެކެވެ.
ރަށްތައް ވަރުވާއަށް ނެގުމަށް ބޭނުންވާ ފަރާތްތަކަށް ބިޑްފޯމް ވިއްކުން ހަމަ ޖެހިފައިވަނީ 12 އޭޕްރީލް ވާ ބުރާސްފަތި ދުވަހުން ފެށިގެން މިމަހުގެ 26ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ފިޝަރީޒް މިނިސްޓްރީންނެވެ.
ބިޑް ފޯމެއްގެ އަގަކީ 20ރ އެވެ.
ރަށްތައް ވަރުވާއަށް ދިނުމާއި ބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 25 އެޕްރީލް ވާ ބުދަ ދުވަހުއެވެ. އަދި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 6 ވަނަ ދުވަހުއެވެ.
ފިޝަރީޒް މިނިސްޓްރީއިން ބުނީ ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ފޯމު ހުށަހެޅުން އޮންނާނެ ތަނާއި ގަޑި އެ މިނިސްޓްރީން ފަހުން އިޢުލާން ކުރާނެ ކަމަށެވެ.