އަންނަ މެއި މަހުގެ 9 ވަނަ ދުވަހު މެލޭޝިއާގައި ބާއްވާ ޢާއްމު އިންތިޚާބު އޮބްޒާވްކުރުމަށް ރާއްޖެއިން ދާނެކަން އަންގާފައިވާ ކަމަށް މެލޭޝިއާގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިންތިޚާބު އިއުލާންކުރުމަށް އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނުގައި މެލޭޝިއާގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އިންތިޚާބު އޮބްޒާވްކުރުމަށް 14 ޤައުމަކަށް ދައުވަތު ދީފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮމަންވެލްތު ބައެއް ޤައުމުތަކާއި، ޔޫރަޕާއި އޭޝިއާގެ ބައެއް ޤައުމުތަކެވެ. މިހާތަނަށް 7 ޤައުމަކުން އިންތިޚާބު އޮބްޒާވްކުރަން ދާނެކަން އަންގާފައިވާކަމަށް މެލޭޝިއާއިން ބުނެއެވެ. އެ 7 ޤައުމަކީ ރާއްޖޭގެ އިތުރުން، އިންޑޮނީޝިއާ، ތައިލެންޑް، އީސްޓް ޓީމޯރ، ކެމްބޯޑިއާ، ކިރްގިސްތާން އަދި އަޒަރްބައިޖާންއެވެ.
މިއިންތިޚާބުގައި ބޮޑުވަޒީރު ނަޖީބު ރައްޒާޤުގެ ބަރިސާން ނޭޝަނަލް ޕާޓީއާއި ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ ޕަކަޓަން ހަރަޕަން ކޯލިޝަންއާއި ދެމެދު ވަރުގަދަ ސިޔާސީ ކުރިމަތިލުމެއް ދާނެކަމަށް މުހައްލިލުން އަންދާސާކުރެއެވެ.
ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ބޮޑުވަޒީރު ނަޖީބު ރައްޒާޤް ގެންދަވަނީ ރައީސް އަބްދުﷲ ޔާމީނާއިވެސް ގާތް ގުޅުމެއް ބާއްވަމުންނެވެ. ނަޖީބު ރައްޒާޤަކީ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ ފަހުކޮޅަށް އެޅިފަހުން ރާއްޖެއަށް ޒިޔާރަތްކުރެއްވި ބޭރުގެ މަދު އިއްޒަތްތެރިންގެ ތެރެއިން ބޭފުޅެކެވެ.
ރާއްޖެއިން މެލޭޝިއާގެ އާއްމު އިންތިޚާބު މޮނިޓަރކުރުމަށް އެޤައުމަށް ދާނެކަން އެންގިއިރު، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމަށްފަހު، އެދާއިރާތަކުގެ ބައި އިލެކްޝަން ނުބާއްވައިގެން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.