އިންޑިއާގެ ޗެންނާއީގައި ބުދަ ދުވަހު ފެށޭ ޑިފެންސް އެކްސްޕޯއަށް ދިވެހިރާއްޖެއަށް ދައުވަތު ދިނުމުން އިޖާބާ ދީފައިނުވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ޑިފެންސް އެކްސްޕޯ ބުދަ ދުވަހު ފެށުނު ނަމަވެސް، ރަސްމީކޮށް އެކްސްޕޯ ފައްޓަވައިދެއްވާނީ ބުރާސްފަތި ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.
ގިނަ ޤައުމުތަކަކުންނާއި އިންޑިއާގެ ދިފާޢީ ދާއިރާގެ ކުންފުނިތަކުން ބައިވެރިވާ މި އެކްސްޕޯއަށް ދިވެހި ސަރުކާރަށް ދިން ދައުވަތަށް އިޖާބައެއް ދީފައިނުވާއިރު، ރާއްޖެއަށް އިންޑިއާއިން ދީފައިވާ ދެ ހެލިކޮޕްޓަރުގެ ލެޓަރ އޮފް އެކްސްޗޭންޖްގެ މުއްދަތު ހަމަވާތީ، އެއްބަސްވުން އައު ކުރުމަށް އިންޑިއާއިން ދިން ދައުވަތު ދިވެހި ސަރުކާރުން ޤަބޫލުކޮށްފައިނުވާކަމުގެ ރިޕޯޓްތައްވެސް އިންޑިއާގެ އިތުރުން ރާއްޖޭގެ މީޑިއާގެ ފަލަސުރުޚީތަކަށްވަނީ އަރާފައެވެ. މީގެ އިތުރުން ދާދި ފަހުން އެންޑަމަން ކަނޑުގައި އިންޑިއާ ކަނޑުގެ ސިފައިން ބޭއްވި ތަމްރީންތަކެއްގައި ރާއްޖެއިން ބައިވެރިވާން ދައުވަތު ދިނުމުން، ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައިވުމާއިއެކު، ސިފައިން ފޮނުވެން ނެތް ކަމަށް ބުނެ، ރާއްޖެއިން ބައިވެރިފައެއް ނުވެއެވެ.
ރާއްޖެއަށް އަސްކަރީ ގޮތުން ޒަމާންތަކެއް ވަންދެން އެކި ގޮތްގޮތުން އެހީވަމުން އައި އިންޑިއާއާއިއެކު އޮންނަ އަސްކަރީ ގުޅުން ސަރުކާރުން ކުޑަކުރަމުންދަނީ އިންޑިއާގެ ވާދަވެރި ޗައިނާ އާއި ދިވެހި ސަރުކާރުން ގުޅުން ބަދަހިކޮށް، ޗައިނާގެ ނުފޫޒުގެ ސަބަބުންކަމަށް އިންޑިއާގެ ނޫސްވެރިންނާއި މުހައްލިލުން ތުހުމަތުކުރެއެވެ.
ޑިފެންސް އެކްސްޕޯގައި ބައިވެރިވާން ލިބުނު ދައުވަތަށް އިޖާބަ ނުދިނީ ކީއްވެގެންކަމެއް ދިވެހި ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
މިއެކްސްޕޯ ކުރިއަށްދާނީ މިމަހުގެ 14 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.