ކަންތައްތައް ކުރަމުންގެންދަނީ ޤާނޫނު އަސާސީގެ މައްޗަށް ފައިން އަރައިގެން ތިބެ ކަމަށާއި، ރައީސް އަބްދުﷲ ޔާމީނަށް މަސައްކަތްކޮށްދެވުނީތީ މިއަދު ހިތާމަކުރައްވާ ކަމަށް ކުރީގެ މިނިސްޓަރު އަނީސާ އަހުމަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުއްޤައްޔޫމްގެ ޝަރީއަތްކުރިއަށްދިޔަ ވަގުތު ކްރިމިނަލް ކޯޓު ސަރަހައްދުގައި ހުންނަވާ ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަނީސާ ވިދާޅުވީ ރައީސް މައުމޫން އަބްދުއްޤައްޔޫމް، ރައީސް ޔާމީން، ރައީސްކަމަށް ނެރުއްވީ ޤައުމަށް ހަމަޖެހުމާއި، ޤައުމުގެ ރައްޔިތުންނަށް އުފާވެރިކަމާއި، ފާގަތިކަން ގެނެސްދެއްވުމަށްޓަކައި ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމުގެ ޔަޤީންކަން އޮވެގެން ކަމަށެވެ. ނަމަވެސް ކަންދިޔައީ އެގޮތަށް ނޫން ކަމަށާއި، ރައީސް އަބްދުﷲ ޔާމީނަށް މަސައްކަތްކޮށްދެވުނީތީ މިއަދު ހިތާމަކުރައްވާ ކަމަށް ވެސް އަނީސާ ވިދާޅުވިއެވެ.
"އެއީ އަޅުގަނޑު ދުށީ ރައީސް ޔާމީނަކީ އެ މަޤާމާއި ހަވާލުވެވަޑައިގަތުމަށް ފަހު ވަރަށް ހަމަޔާއި އުސޫލުގެ ތެރެއިން ޤާނޫނީ ތަކުގެ ތެރެއިން މަސައްކަތްކުރައްވާނެ ބޭފުޅެއް ކަމަށް. މިޤައުމަށް ހެޔޮ އެދިވަޑައިގެން މި ޤައުމަށް ތަރައްޤީ ގެންނަވަން މަސައްކަތް ކުރައްވާނެ ބޭފުޅެއް ކަމަށް. އެކަމަކު މިހާރު އަޅުގަނޑުގެ ނަޒަރުގައި އެ މަނިކުފާނު މަސައްކަތްކުރައްވަނީ އެގޮތަކަށެއް ނޫން" އަނީސާ ވިދާޅުވިއެވެ.
އަނީސާ ވިދާޅުވީ ޤާނޫނު އަސާސީއަކީ މިހާރު ނެތް އެއްޗެއް ފަދަ ކަމަށެވެ. އަދި މިހާރު ކަންކަން ކުރައްވަމުން ގެންދަވަނީ ޤާނޫނު އަސާސީގެ މައްޗަށް ފައިން އަަރައިގެން ތިބެ ކަމަށް އަނީސާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޤާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ނުހިތާ ބަޔަކު ޤާނޫނަށް ވެސް ހުރުމަތްތެރިކޮށް ނުހިތާނެ ކަމަށެވެ. އަދި ޤާނޫނު އަސާސީ ވުޖޫދަށް ގެނައުމާއި، ޤާނޫނުތަކުގެ ތެރޭގައި ގިނަ ދުވަސްތަކެއްގައި މަސައްކަތްކުރެއްވިކަން ފާހަގަކުރައްވައި އަނީސާ ވިދާޅުވީ މިއަދު އަމަލުކުރައްވަމުން ގެންދަވަނީ ޤާނޫނު އަސާސީގެ ރޫހާ ވެސް ހިލާފަށް ކަމަށެވެ.
ރައީސް މައުމޫންގެ މައްޗަށްކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އަނީސާ ވިދާޅުވީ، ރައީސް މައުމޫންގެ މައްޗަށް ކުރަނީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް ދައުވާކުރާއިރު، އެކަށީގެންވާ ހެކި ހުރިތަން ވެސް ފެނިގެން ނުދާ ކަމަށް އަނީސާ ވިދާޅުވިއެވެ.