ޓެރަރިޒަމްގެ ކުށުގެ ތުހްމަތުގައި ޝަރީއަތް ނިމެންދެން ދޫނިދޫގައި ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ބަންދުން ދޫކޮށްލުމަށާއި "އެވަރު ކޮށްނުދެވެންޏާ ގެއަށް ބަދަލުކޮށްދިނުމަށް" ކްރިމިނަލް ކޯޓުގައި އެމަނިކުފާނު އެދިވަޑައިގެންފިއެވެ.
ރައީސް މައުމޫނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކޮށްފައިވާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅި ކަމަށް ބުނެ ކޮށްފައިވާ ދައުވާއާ ގުޅިގެން އަންގާރަ ދުވަހުގެ ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ރައީސް މައުމޫނު ވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
ރައީސް މައުމޫނު ވިދާޅުވީ އެމަނިކުފާނަކީ މިއަދު "މުސްކުޅިއެއް ކަމަށްވާ އިރު" އެކަނިމާއެކަނި ތަނެއްގައި ބަންދުކޮށްފައި ހުރުމަކީ ސިއްހީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އަދި އެ ވާހަކަ ތަކުރާރުކޮން ވިދާޅުވިއެވެ. އަދި ގިނިކަންޏާ އެހެން އިންނަވަނިކޮށް ކަމެއް ދިމާވެއްޖެ ނަމަ އަޅާލާނެ އަދި އެހީތެރިވާނެ މީހަކު ވެސް ގާތުގައި ނުހުންނާނެ ކަން ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު އެނގޭނެ ޑޮކްޓަރުގެ ލިޔުންތަކަކާ އެކު ކްރިމިނަލް ކޯޓަށް ސިޓީއެއް ހުށައަޅުއްވައި، ބަންދަށް ލުޔެއް ދިނުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ
މި އަޑުއެހުމުގައި މައްސަލަ ބައްލަވަން އިންނެވީ ވެސް އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފެވެ. ގާޒީ ވިދާޅުވީ ރައީސް މައުމޫނު މިހާރު ބަންދު ކުރެވިފައި އެ ހުރީ މިއަޑުއެހުން ކުރިއަށްދާ މައްސަލައިގައި ކަމަށް ނުވާތީ މި މައްސަލައިގެ ތެރެއިން ބަންދާ މެދު ގޮތެއް ނުނިންމޭނެ ކަމަށެވެ. އަދުލު އިންސާފު ގާއިމު ކުރަން ހުރަސްއެޅިކަމުގެ ދައުވާ މައުމޫނުގެ މައްޗަށް ކޮށްފައި ވަނީ މޯބައިލް ފޯނު ނުދިން ކަމަށް ބުނާ މައްސަލައެއްގައި ކަމަށް ގާޒީ ވިދާޅުވިއެވެ.
ރައީސް މައުމޫނު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެންނެވެ. އެހެން ނަމަވެސް އެ މައްސަލައިގެ އަޑުއެހުމެއް އަދި ނުފަށައެވެ.
ރައީސް މައުމޫނު ވިދާޅުވީ ކޮންމެ މައްސަލައިގައި ނަމަވެސް ބަންދާ މެދު ގޮތެއް ނިންމަދޭން އެދިވަޑައިގަންނަވާ ކަމަށެވެ. އެންމެ ފަހުން ގާޒީ އާދާމް އާރިފު ވިދާޅުވީ ރައީސް މައުމޫނު ފޮނުއްވާފައިވާ ސިޓީ ބެއްލެވުމަށް ފަހު އެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކުރި ގާޒީއާ އެކަން ބެއްލެވުމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.