ގައުމީ ޓީމުގެ ކުޅުންތެރިޔަކާމެދު ބޭއިންސާފުން ކަމެއް ކުރެވިގެންދާއިރު އެކަމަކާ ދެކޮޅަށް ސްކޮޑުގައި ތިބޭ ކުޅުންތެރިން ތެދުވާނެ ކަމަށް ތަޖުރިބާކާރު ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.
ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ޓީމުން ވަކިކުރުމާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ފެސްކޯ ބުނީ ކޯޗުގެ އެ ނިންމުމާ ދެކޮޅަށް ކުޅުންތެރިން ނުރުހުން ފާޅުކުރުމުން ދައްކުވައިދެނީ އެކަމުގެ ސަބަބުން ކުޅުންތެރިންނަށް އަސަރުތަކެއްކުރުން ކަމަށެވެ. އެގޮތުން ޓީމުގެ ވައިސް ކެޕްޓަން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ ވެސް އެކަމުގެ ވަރަށް ބޮޑު ނިޝާނެއް ކަމަށާއި އެއްވެސް ކުޅުންތެރިޔަކާ މެދު ބޭއިންސާފުން ކަމެއް ވެގެންދާއިރު އެކަމަކާ ދެކޮޅަށް ތެދުވާނެ ކަމަށެވެ.
ފެސްކޯ ބުނީ ދަގަނޑޭއަކީ ރާއްޖޭގެ ކުޅިވަރުގެ އެންމެ ބޮޑު ޕްރޮޑަކްޓް ކަމަށާއި އެހެންކަމުން ދަގަނޑޭއާ މެދު އިހާނެތިކޮށް ކަންކަން ކުރެވިގެންދިޔުމަކީ ކުޅިވަރާމެދު އިހާނެތިކޮށް ކަންކަން ކުރެވިގެންދިޔުން ކަމަށެވެ. ގައުމީ ޓީމުން އަޝްފާގް ވަކިކުރިއިރު ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގެޓް ވަނީ ދަގަނޑޭގެ "ވިސްނުމުގައި" މައްސަލައެއް އުޅޭކަމަށް ބުނެފައެވެ. އެކަމާ ގުޅޭގޮތުން ފެސްކޯ ބުނީ އަޝްފާގުގެ ވިސްނުމުގައި އެ މައްސަލަ ހުރެއްޖެނަމަ އެހެން ކުޅުންތެރިންގެ ވެސް އެ މައްސަލަ ހުރުމުން އަޝްފާގުގެ ފެންވަރަށް އައުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް އަޝްފާގް އެ ލެވެލްގައި އެހުރީ ވިސްނުމުގައި މައްސަލައެއް ނެތުމުން ކަމަށް ފެސްކޯ ބުނެފައިވެއެވެ.
ދަގަނޑޭ ގައުމީ ޓީމުން ވަކިކުރީ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމާއި ގުޅިގެންނެވެ.