ކ. މާލެ
|
10 އޭޕްރިލް 2018 | އަންގާރަ 17:53
އުސްމާން ޑެމްބެލޭ
އުސްމާން ޑެމްބެލޭ
އެފްސީ ބާސެލޯނާ
އުސްމާން ޑެމްބެލޭ
ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ޑެމްބެލޭ އުއްމީދުގައި
ބާސާއާ އެކު ޑެމްބެލޭއަށް ވެސް މި ސީޒަނުގެ ހުރިހާ ތައްޓެއް ކާމިޔާބުކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައި

ސީޒަނުގެ ކުރީކޮޅު ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި އެހެން ނަމަވެސް ބާސެލޯނާއާ އެކު ގިނަ ކާމިޔާބުތަކެއް ހޯދުމަށް އުއްމީދުކުރާ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ވިންގަރ އުސްމާން ޑެމްބެލޭ ބުނެފިއެވެ.

ދުނިޔޭގެ ރެކޯޑު ފީއަކަށް ބާސާއަށް ކުޅެމުންދިޔަ ބްރެޒިލްގެ ތަރި ނޭމާ އެ ޓީމު ދޫކޮށްލުމާ ގުޅިގެން ބާސާއިން ޑެމްބެލޭ ގެނައީ 105 މިލިއަން ޔޫރޯގެ ފީއަކަށެވެ. ބާސާގައި އޭނާ ހޭދަކުރި ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި އަނިޔާގެ ސަބަބުން ގިނަ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނުއިރު އޭނާ އަންނަނީ އަނިޔާ އިން އެނބުރި އައިސް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ ޔުއެފާގެ ރަސްމީ ވެބްސައިޓާ ވާހަކަ ދައްކަމުން ޑެމްބެލޭ ބުނީ ކޮންމެ މީހަކު ވެސް އޭނާ ހުރި މަގާމުގައި ހުންނަން ބޭނުންވާނެ ކަމަށާއި ބާސާއަކީ ދުނިޔޭގެ އެންމެ މޮޅު ޓީމަށްވުމާ އެކު އެ ޓީމަށް އެއްވެސް ކުޅުންތެރިޔަކު ނޫނެކޭ ބުނަން ބޭނުންނުވާނެ ކަމަށެވެ. އޭނާ ބުނީ އެއްވެސް ވަރަކަށް އޭނާއަށް މިހާރު އުނދަގޫ ނުވާނެ ކަމަށާއި އޭނާ އަބަދު ވެސް ބަލަނީ ފުޓްބޯޅަ ކުޅުމަށް ކަމަށެވެ. ޑެމްބެލޭ ބުނީ އޭނާ ކުޅެމުންދަނީ ޕްރެޝަރުގައި ކަމަށް ގިނަ ބަޔަކު ބުނަމުންދާ ކަމަށާއި އެހެން ނަމަވެސް އެއްވެސް ވަރަކަށް އޭނާއަށް ޕްރެޝަރު އިހުސާސްނުވާ ކަމަށެވެ.

ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި ޑެމްބެލޭ އެންމެ ފުރަތަމަ މެޗެއް ކުޅުނީ 2015 ވަނަ އަހަރު ފްރާންސްގެ ރެނޭސްއަށެވެ. ޖަރުމަނުގެ ޑޯޓްމަންޑްގައި އެއް އަހަރު ހޭދަކުރުމަށް ފަހު އޭނާ މިހާރު ކުޅެމުން އަންނަނީ ފަސް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދާފައިވާ ލިއޮނެލް މެސީއާ އެކުއެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޑެމްބެލޭ ބުނީ މެސީއާ އެކު ކުޅުމަކީ އޭނާއަށް ލިބޭ ބޮޑު ޝަރަފެއް ކަމަށާއި ހުރިހާ ތައްޓެއް ކާމިޔާބުކޮށްފައިވާ ކުޅުންތެރިޔަކާ އެކު ކުޅުމުގެ ފުރުސަތު ލިބުމަކީ އޭނާ ވަރަށް އުފާވާ ކަމެއް ކަމަށެވެ.

ބާސާއާ އެކު ޑެމްބެލޭއަށް ވެސް މި ސީޒަނުގެ ހުރިހާ ތައްޓެއް ކާމިޔާބުކުރުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. އެގޮތުން އެ ޓީމު ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީގެ ޖާގައެއް ވެސް ގާތްގަނޑަކަށް ކަށަވަރުވެފައިވާއިރު ސްޕެނިޝް ލަލީގާ ވެސް އެ ޓީމަށް ވަނީ ގާތްގަނޑަކަށް ޔަގީންވެފައެވެ. ހަމައެހެންމެ އެ ޓީމުން ވަނީ ސްޕެނިޝް ކޮޕާ ޑެލްރޭގެ ފައިނަލުން ވެސް ޖާގަ ހޯދާފައެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޑެމްބެލޭ ބުނީ ޗެމްޕިއަންސް ލީގަކީ އުނދަގޫ މުބާރާތެއް ކަން ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް އެނގޭ ކަމަށާއި ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމަށް ސްކޮޑުގައި ހިމެނޭ ހުރިހާ ކުޅުންތެރިން ވެސް ބޭނުންވާ ކަމަށެވެ.

އުމުރުން 20 އަހަރުގެ ފޯވާޑް ވަނީ މިހާތަނަށް ބާސާއަށް 14 މެޗު ކުޅެދީ އެއް ލަނޑު ޖަހައިދީފައެވެ.

- ކޮމެންޓް