ސީރިޔާގެ ސިޓީއެއް ކަމުގައިވާ ގޫތާގައި ހާލުގައި ދިރިއުޅޭ ފަރާތްތަކަށް އެހީވުމަށް އަމާޒުކޮށް ހުޅުވި ގޫތާ އިމަރޖެންސީ ރިލީފް ފަންޑުން ލިބުނު ފައިސާ އިން އެ ސަރަހައްދުގެ ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދީފިއެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ގޫތާ އިމަރޖެންސީ ރިލީފް ފަންޑުން ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާ ވަނީ އެއްކުރެވިފައެވެ. އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނީ ރާއްޖެއިން އެއްކުރި ފައިސާ އޭޕްރީލް މަހުގެ 02 ވަނަ ދުވަހު ތުރުކީގެ ޖަމިއްޔާއަކަށް ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.
ތުރުކީގެ އެންޖީއޯއެއް ކަމުގައިވާ އައިއެޗްއެޗް ހިއުމެނިޓޭރިއަން ރިލީފް ފައުންޑޭޝަނާއި ހަވާލުކޮށްގެން ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނެއެވެ.
ރާއްޖެއިން ފޯރުކޮށްދިން ކާބޯތަކެތީގެ އެހީ ފޯރުކޮށްދީފައި ވަނީ އިރުމަތީ ގޫތާގައި ދިރިއުޅޭ ރައްޔިތުންނަށެވެ.
ގޫތާ އިމަރޖެންސީ ރިލީފް ފަންޑު ހުޅުވާލާފައި ވަނީ ފެބްރުއަރީ 25 ވަނަ ދުވަހުއެވެ. މަރޗު 11 ވަނަ ދުވަހުގެ ނިޔަލަށް ފަންޑު ހުޅުވާލި އިރު ގިނަ ބަޔަކު މި ފަންޑަށް ފައިސާގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.