ކ. މާލެ
|
10 އޭޕްރިލް 2018 | އަންގާރަ 17:30
އިޓަލީގެ ތަޖުރިބާކާރު ކޯޗު ފަބިއޯ ކަޕެއްލޯ
އިޓަލީގެ ތަޖުރިބާކާރު ކޯޗު ފަބިއޯ ކަޕެއްލޯ
ގެޓީ އިމޭޖަސް
ފަބިއޯ ކަޕެއްލޯ
އެއްވެސް ޓީމެއްގެ ކޯޗުކަމުން ދެން ނުފެންނާނެ: ކަޕެއްލޯ
އޭނާ ވަނީ ރެއާލް މެޑްރިޑް، އޭސީ މިލާން އަދި ޔުވެންޓަސްއަށް އިރުޝާދު ދީފައި
ރަޝިއާ އަދި އިނގިރޭސި ގައުމީ ޓީމަށް ވެސް އޭނާ އިރުޝާދު ދިން
އިޓަލީގެ ކޯޗުގެ މަގާމުން އޭނާ ނުފެންނާނެ

ޗައިނީޒް ސުޕާ ލީގުގެ ޖިއަންގްސޫ ސުނިންގެ ކޯޗުކަމުން ވަކިކުރުމާ އެކު އެހެން އެއްވެސް ޓީމެއްގެ ކޯޗުގެ މަގާމުން ދެން ނުފެންނާނެ ކަމަށް އިޓަލީގެ ތަޖުރިބާކާރު ކޯޗު ފަބިއޯ ކަޕެއްލޯ ބުނެފިއެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑާއި އިޓަލީގެ އޭސީ މިލާން އަދި ޔުވެންޓަސްއާ އެކު ގިނަ ކާމިޔާބުތަކެއް ހޯދި އުމުރުން 71 އަހަރުގެ ކޯޗު ވަނީ އެ ދާއިރާއިން ރިޓަޔާކުރިކަން އިއުލާނުކޮށްފައެވެ.  

މިލާންއާ އެކު 1990 އިގެ އަހަރުތަކުގައި ކަޕެއްލޯ ހަތަރު ފަހަރު އިޓާލިއަން ސެރީއޭ އަދި ޗެމްޕިއަންސް ލީގެއް ކާމިޔާބުކުރިއެވެ. އެއަށް ފަހު ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެ ކަޕެއްލޯ އެ ޓީމަށް ވެސް ސްޕެނިޝް ލަލީގާ ހޯދައިދިނެވެ. ރެއާލްގެ މެނޭޖްމަންޓާ މައްސަލަ ޖެހުމާ އެކު އެ ޓީމު ދޫކޮށް އަނެއްކާ ވެސް އުފަން ގައުމަށް ބަދަލުވެ ރޯމާ އަދި ޔުވެންޓަސްއަށް އޭނާ ލީގު ހޯދައިދިނެވެ. ދެވަނަ ފަހަރަށް ރެއާލްގެ ކޯޗުގެ މަގާމައި ހަވާލުވެ އޭނާ އެ ޓީމަށް އަނެއްކާ ވެސް ލަލީގާއެއް ކާމިޔާބުކޮށްދިނެވެ.

ކްލަބް ފެންވަރުގައި ކާމިޔާބު ސީޒަންތަކެއް ހޭދަކުރުމަށް ފަހު އޭނާ ވަނީ 2008 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރަށް އިނގިރޭސި ގައުމީ ޓީމަށް ކޯޗުކަން ކޮށްދީފައެވެ. ހަމައެހެންމެ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުން ރަޝިއާއަށް އޭނާ ޖާގަ ހޯދައިދިންއިރު އެ މަގާމުން އޭނާ ވަކިކުރީ 2016 ވަނަ އަހަރުގެ ޔޫރޯގައި ރަނގަޅު ނަތީޖާތަކެއް ނުނެރެވުމުންނެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ޖިއަންގްސޫގެ ކޯޗުގެ މަގާމާ އޭނާ ހަވާލުވިއިރު އެ ޓީމުން ވެސް މިހާރު ވަނީ އޭނާ މަގާމުން ވަކިކޮށްފައެވެ. އިޓަލީގެ ގައުމީ ޓީމަށް 1970އިގެ ތެރޭގައި ކުޅުނު ކަޕެއްލޯ އެ ޓީމުގެ ކޯޗުގެ މަގާމާއި ހަވާލުވާން އުޅޭ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ. އޭނާ އެ މަގާމާއި ހަވާލުވާން އުޅެނީ މިއަހަރުގެ ވޯލްޑް ކަޕުން އެ ޓީމަށް ފުރުސަތު ނުލިބުމުން އެ މަގާމުގައި ހުރި ޖިއަންޕިއޭރޯ ވެންޗޫރާ އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އެހެން ނަމަވެސް ކަޕެއްލޯ ވަނީ މި ރިޕޯޓުތައް ދޮގުކޮށްފައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ކަޕެއްލޯ ބުނީ އިޓަލީގެ ކޯޗުގެ މަގާމު އޭނާއަށް ހުށަހެޅުނު ކަމަށާއި އެހެން ނަމަވެސް އެ މަގާމަށް ނުދާނެކަން އަންގާފައިވާނެ ކަމަށެވެ. އޭނާ ބުނީ އިނގިރޭސި ގައުމީ ޓީމާއި ރަޝިއާގެ ގައުމީ ޓީމާއެކު ގިނަ ތަޖުރިބާތަކެއް ކުރެވުނު ކަމަށާއި ކްލަބް ފެންވަރުގައި އޭނާ އިރުޝާދުދޭނެ އެންމެ ފަހު ކްލަބަކީ ޖިއަންގްސޫ ކަމަށެވެ. ކެރިއަރުގައި ކުރަން ބޭނުންވި ހުރިހާ ކަމެއް ކުރެވުނު ކަމަށާއި އަދި ރިޓަޔާ ކުރަނީ ވަރަށް ހިތްހަމަޖެހިގެން ކަމަށް ކަޕެއްލޯ ބުނެފައިވެއެވެ.

އެއްވެސް ޓީމަކަށް މީގެ ފަހުން އިރުޝާދު ނުދޭނެ ކަމަށް ކަޕެއްލޯ ބުނެފައިވާއިރު އޭނާ ދެން ފެންނާނީ ޓީވީ ކޮމެންޓޭޓަރެއްގެ ގޮތުގައެވެ. ކަޕެއްލޯ ވަނީ ކޯޗެއްގެ ގޮތުގައި އެކި ޓީމުތަކަށް 841 މެޗުގައި އިރުޝާދު ދީފައެވެ. އޭގެ ތެރެއިން 459 މެޗު އޭނާ ކާމިޔާބުކުރިއިރު 142 މެޗުން ބަލިވެފައިވެއެވެ. ބާކީ 240 މެޗު ނިމިފައި ވަނީ އެއްވަރުވެގެންނެވެ.

- ކޮމެންޓް