މި ސީޒަނަށް ފަހު އެޓްލެޓިކޯ މެޑްރިޑް ދޫކޮށްލާނެ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ފެނާންޑޯ ޓޮރޭޒް ބުނެފިއެވެ.
އުމުރުން 34 އަހަރުގެ ފޯވާޑް އެޓްލެޓިކޯއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު އޭނާއަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ވެސް ފުރުސަތު ދެމުން އަންނަނީ މަދު ފަހަރެއްގައެވެ. އެންމެފަހުން ވެސް ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެ 1-1 އިން އެޓްލެޓިކޯ އެއްވަރުވި މެޗުގައި ޓޯރޭޒްއަށް ފުރުސަތު ދީފައިވަނީ ބެންޗުންނެވެ.
މީގެކުރިން ޗެލްސީ އަދި ލިވަޕޫލްއަށް ކުޅުނު ފޯވާޑް ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނީ މިއީ އޭނާ އެޓްލެޓިކޯގައި ހޭދަކުރާނެ އެންމެ ފަހު ސީޒަން ކަމަށާއި އޭނާއަށް ކުޅުމުގެ ފުރުސަތު ލިބެމުން ދަނީ ވަރަށް މަދުން ކަމަށެވެ. އޭނާ ބުނީ ސަޕޯޓަރުންނަށް މިކަން އަންގަން ބޭނުންވާ ކަމަށާއި މިއީ އޭނާއަށް ވަރަށް އުނދަގޫ ނިންމުމެއް ކަމަށެވެ. ދެވަނަ ފަހަރަށް އެޓްލެޓިކޯއަށް އަލްވަދާއު ކިޔުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި ބޭނުންވީ އެ ޓީމުގައި ރިޓަޔާ ކުރަން ކަމަށް ޓޮރޭޒް ބުނެފައިވެއެވެ. އެހެން ނަމަވެސް އިތުރު ތިން އަހަރު ކުޅެން ބޭނުންވާ ކަމަށް ޓޮރޭޒް ބުނެފައިވެއެވެ.
އަންނަ މޭ މަހުގެ 20 ވަނަ ދުވަހު އަމިއްލަ ދަނޑުގައި އެއިބާއާ ދެކޮޅަށް ކުޅޭ މެޗުގައި ޓޮރޭޒްގެ ޝަރަފުގައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް އެޓްލެޓިކޯއިން ވަނީ ނިންމާފައެވެ. އެ ޓީމުގެ ރައީސް އެންރިކޭ ސެރޭޒޯ ބުނެފައިވަނީ ޓޮރޭޒްއަކީ އެ ޓީމުގެ ލެޖެންޑެއް ކަމަށާއި އޭނާއަށް އެ ޓީމުގެ ދޮރު ހުންނާނީ އަބަދުވެސް ހުޅުވިފައި ކަމަށެވެ. ޓޮރޭޒްގެ މުސްތަގުބަލު ނިންމާނީ އޭނާ ކަމަށާއި އެހެން ޓީމަކަށް އޭނާ ބަދަލުވާން ނިންމި ނިންމުމަށް ވެސް އިހުތިރާމް ކުރާ ކަމަށް ސެރޭޒޯ ބުނެފައިވެއެވެ. އޭނާ ބުނީ ޓޮރޭޒް އެ ޓީމަށް ކޮށްދިން ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.
ޓޮރޭޒް ޒުވާން ކުޅުންތެރިޔެއްގެ ގޮތުގައި ތަމްރީނުވީ އެޓްލެޓިކޯގެ އެކަޑަމީއިންނެވެ. އެޔަށް ފަހު އޭނާވަނީ އެ ޓީމަށް 2001 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރަށް ކުޅެފައެވެ. އޭރު އެ ޓީމަށް ކުޅުނު 214 މެޗުގައި އޭނާ 82 ލަނޑު ޖެހިއެވެ. އެޔަށް ފަހު އިނގިރޭސިވިލާތުގެ ލިވަޕޫލް އަދި ޗެލްސީގައި ކާމިޔާބު ސީޒަންތަކެއް ހޭދަކުރުމަށް ފަހު ޓޮރޭޒް އަލުން އެނބުރި އެޓްލެޓިކޯއަށް ބަދަލުވީ 2015 ވަނަ އަހަރުވެއެވެ. ޓޮރޭޒް ވަނީ ސްޕެއިންގެ ގައުމީ ޓީމާއެކު ދެ ޔޫރޯގެ އިތުރުން ވޯލްޑް ކަޕެއް ކާމިޔާބު ކޮށްފައެވެ.