މިއަހަރު ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، މި އެޕްރީލް މަހުގެ 15 ވާ އާދިއްތަ ދުވަހުގެ މެންދުރު ފަހު 2:00 އަށް ހަމަވާނެއެވެ.
ރައީސް އޮފީހުން ބުނީ އިނާމަށް އެދި ހުށަހަޅާ ފޯމުތައް ފޮނުއްވަންޖެހެނީ، ގައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސް އޮފީހަށް ކަމަށެވެ. ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ. އަދި އެއޮފީހުގެ ވެބްސައިޓް www.presidencymaldives.gov.mv އިންވެސް ޑައުންލޯޑް ކުރެއްވޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
މިއަހަރުވެސް ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ގައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އަދި ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުއިއްޔާ ޖަމާއަތް ފަދަ ތަންތަނުންވެސް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
ރާއްޖޭގައި ތިބި އެކި ފަންނުގެ ހުނަރުވެރިންނަށް ފުރުސަތު ދެއްވުމަށްޓަކައި އިނާމުދެވޭ ދާއިރާތަކުގެ ތެރޭގައި، މިދިޔަ ހަތަރު އަހަރެކޭ އެއްގޮތަށް، ޒުވާނުންނާއި އަންހެނުންގެ ދާއިރާ ވަކިން ހިމަނައި، މި ދެ ދާއިރާއިން އިނާމު ދެއްވާނެ ވަކި ރޮނގުތަކެއް ކަނޑައަޅާވާފައިވާ ކަމަށާޢި އެދެ ދާއިރާއިން އިނާމު ދެއްވާނީ، މަދުވެގެން ފަސް އަހަރު ފާހަގަކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށްފައިވާ އަންހެނުންނަށާއި، އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
މިއަހަރު ގައުމީ އިނާމާއި ހާއްސަ އިނާމު ދެއްވާނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ އިޙްތިފާލުގައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، ހާއްސަ އިނާމާބެހޭ ކޮމިޓީން މި މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.