އޭއެފްސީ ކަޕްގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅޭ ދެ މެޗު ވެސް ވަރަށް މުހިންމުކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗު އޮސްކާ ބްރޫޒޯން ބުނެފިއެވެ.
އޮސްކާ މިހެން ބުނެފައިވަނީ ބެންގަލޫރާ ދެކޮޅަށް އިންޑިއާގައި ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. މި ދެ ޓީމު ވެސް ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފައިވާއިރު ދެވަނަ ބުރަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުކުރުމަށް ދެ ޓީމަށް ވެސް މި މެޗަކީ މުހިންމު މެޗެކެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަމުން އޮސްކާ ބުނީ ދެ ޓީމު ވެސް ޕޮއިންޓްގެ ގޮތުންނާއި ލަނޑުގެ ތަފާތުން ވެސް އެއްވަރުވެފައި އޮތުމާއި ގުޅިގެން ބެންގަލޫރާ ދެކޮޅަށް ކުޅޭ ދެ މެޗަކީ ވެސް ވަރަށް މުހިންމު ދެ މެޗު ކަމަށެވެ. އެގޮތުން ދެވަނަ ބުރަށް ޓީމުތައް ހޮވާއިރު ދެ ޓީމު ބައްދަލުކުރި މެޗުގެ ނަތީޖާއަށް ބަލާނެ ކަމަށާއި އެހެންކަމުން ދެ މެޗުން ވެސް ރަނގަޅު ނަތީޖާއެއް ނެރެގެން މެނުވީ ދެވަނަ ބުރަށް ކޮލިފައިނުވާނެ ކަމަށް އޮސްކާ ބުނެފައިވެއެވެ.
2013 ވަނަ އަހަރު އުފެދުނު ފަހުން ބެންގަލޫރަކީ ދެކުނު އޭޝިއާގެ ފުޓްބޯޅައިގައި ގަދަ ބާރެއްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ޓީމެކެވެ. އަލްބާޓް ރޯކާގެ އިރުޝާދުގެ ދަށުން އެ ޓީމުން 2016 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ފައިނަލްގައި ވާދަކުރިއިރު އޮސްކާ ވަނީ އެ ޓީމުގެ ކޯޗަށް ވެސް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ.
އަލްބާޓްއާ ގުޅޭގޮތުން ވާހަކަ ދައްކަމުން އޮސްކާ ބުނީ އޭޝްލީ ވެސްޓްވުޑް އެ މަގާމުގައި ހުރިއިރު ބިނާކުރި ބިންގަލުގެ މަތީގައި އަލްބާޓް ބިނާކުރަމުންދަނީ ވަރުގަދަ ޓީމެއް ކަމަށެވެ. އޮސްކާ ބުނީ އަލްބާޓް އާއެކު ބެންގަލޫރު ވަރުގަދަވެފައިވާ ކަމަށާއި އެ ޓީމުން ކުޅެމުންދާ ފުޓްބޯޅައަކީ ވަރަށް ގަޔާވާ އެއްޗެއް ކަމަށެވެ. ހަމައެހެންމެ އެ ޓީމުގެ ދަނޑުގައި އެހެން ޓީމުތަކަށް ޕޮއިންޓް ހޯދުމަކީ އުނދަގޫ ކަމެއްކަން އެނގޭ ކަމަށް ވެސް އޮސްކާ ބުނެފައިވެއެވެ.
ނިއުއިން ވަނީ އެންމެފަހުން މާލޭ ލީގުގައި ކުޅުނު މެޗު 4-1 އިން ކާމިޔާބު ކޮށްފައެވެ. އޮސްކާ ބުނީ ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރުމާއެކު ކުޅުންތެރިންނަށް ކޮންމެވެސް ވަރަކަށް މައްސަލަ ދިމާވަމުންދާ ކަމަށާއި އެހެން ނަމަވެސް ބެންގަލޫރާ ދެކޮޅަށް ކުޅޭ މެޗަށް ހުރިހާ ކުޅުންތެރިން ވެސް ފިޓުވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. ސިންގަޕޫރާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ މެޗާއި ބޫޓާނާއި ދެކޮޅަށް ކުޅުނު އޭޝިއަން ކަޕް ކޮލިފައިން މެޗުގައި ނިއުގެ އަށް ކުޅުންތެރިޔަކު ގައުމީ ޓީމުގެ ސްކޮޑަށް ނެގިއެވެ.
ނިއުގެ ކޯޗުގެ މަގާމުގައި އޮސްކާ ހޭދަކުރި އަށް މަސްތެރޭ އޭނާ ވަނީ އެ ޓީމާއެކު ބަލިނުވެ 22 މެޗު ހަމަކޮށްފައެވެ. އުމުރުން 40 އަހަރުގެ ކޯޗު ބުނީ އޭނާގެ ޓީމު އޮތީ ވަރަށް އުއްމީދާއެކު ކަމަށާއި އޭއެފްސީ ކަޕްގައި ވެސް ބަލިނުވެ ކުރިޔަށް ދިޔުމަށް އުއްމީދުކުރާ ކަމަށެވެ.