ރާއްޖޭގައި އިޔާދަކުރުވަނިވި ހަކަތަ އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އޮޔާ ރާޅުން ހަކަތަ އުފެއްދުމުގެ ތަހްލީލުތަކެއް ރާއްޖޭގައި ފެށުމަށް ނިންމައިފި އެވެ.
ރާއްޖޭން ބޭރުގައި ނެރޭ ރިނިއުވަބަލް އެނަރޖީ މެގެޒިންގައި ބުނެފައިވަނީ ރާއްޖޭގައި އޮއިން ހަކަތަ އުފެއްދުމަށް ޖަޕާނުގެ އޮކިނާވާ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލިޖީ ގްރެޖުއޭޓް ޔުނިވަރސިޓީއާއެކު އެންވަޔަރމެންޓް މިނިސްޓްރީން ސޮއިކޮށްފައިވާ ކަމަށާއިމި ޕްރޮޖެކްޓްގެ ދަށުން ޕްރޮޓޮޓައިޕް އެނަރޖީ ކޮންވަރޓަރ (ވީއީސީ) ޔުނިޓްތައް މި މަހު ގެންނާނެ ކަމަށެވެ.
ކަނޑުގެ އޮޔާ ރާޅުން ހަކަތަ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ޕްރޮފެސަރ ސުމޯރޫ ޝިންޓޭކް ވިދާޅުވީ އޭނާގެ ޓީމުން ތައްޔާރުކޮށްފައިވާ ވީއީސީ ޔުނިޓްތައް ބޭނުންކޮށްގެން ފުއްޓަރު ފަރާތުން ނަގާ ބޮޑެތި ރާޅުތަކުން ފެށިގެން ގޮނޑުދޮށް ސަރަހައްދާ ހަމައިން ނަގާ ރާޅުން ކަރަންޓް އުފެއްދުމުގެ ބާރު ލިބިފައިވާ ކަމަށާއި މިކަން ތަހުލީލު ކުރުމަށްޓަކައި އެންމެ ފުރަތަމަ ވީއީސީ ދެ ޔުނިޓް އިންސްޓޯލްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން 0.64 މީޓަރުގެ ޑައަރ މީޓަރ ޓަރބިން ހަރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެންވަޔަރމެންޓް މިނިސްޓްރީއާ ގުޅިގެން ހިންގާ މި ތަހުލީލުތައް ކުރިއަށްގެންދަނީ ހޮލިޑޭއިން ރިސޯޓް ކަނޑޫމާއާ ވެސް ގުޅިގެންނެވެ.
މީގެ އިތުރުން ޕްރޮޓޯޓައިޕްތައް އެއްގަމާ ގާތްގަނޑަކަށް 50 މީޓަރު ބޭރުން އިންސްޓޯލްކުރުމަށް ހަމަޖެހިފައިވާ އިރު މިތަކެތި އިންސްޓޯލް ކުރަނީ ކަނޑޫމާގެ ދެކުނުން މޫދުގެ ސަރަހައްދުގަ އެވެ. މިފަދަ ޓެސްޓްތަކެއް ހެދުމަށް ރާއްޖެ އިހްތިޔާރުކުރަން ޖެހުނީ ތިން ސަބަބަކާ ހުރެ ކަމަށް ޝިންޓޭކް ބުނެ އެވެ. އެއީ ރާއްޖޭގައި ސެންޓްރަލް ޕަވަރ ޕްލާންޓެއް ނެތުމާއި، ހުރިހާ ރަށަކުން ކަރަންޓް އުފެއްދުމުގައި ކޮންމެ ރަށެއް ވަކިން ތެޔޮ އަންދައިގެން ކަރަންޓް އުފެއްދުމުގެ އިތުރަށް، ރާއްޖެއަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް އެންމެ ފަސޭހައިން ފެންނަ އެއް ގައުމު ކަމަށްވާތީ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން ރާއްޖެއަކީ ހަކަތަ އުފެއްދުމަށް ބޭނުންވާ މިންވަރަށް އޮޔާ ރާޅު އުފެދޭ އަދި ދައުރުވާ ގައުމެއް ކަމަށް ޝިންޓޭކް ބުންޏެވެ.
މި ތަހުލީލުތަކަށް ބޭނުންވާ ތަކެތި އަދި ފަންނީ މީހުން މި މަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ އިރު ތަހްލީލުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގަ އެވެ.
ރާއްޖޭގައި އިޔާދަ ކުރުވަނިވި ހަކަތަ އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާރުވެސް ދަނީ އަވިން ކަރަންޓް އުފައްދަމުންނެވެ. އެގޮތުން 2018 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދުވާލު ގަޑީގެ ދޭ ކަރަންޓްގެ 30 ޕަސެންޓް އަވިން އުފެއްދުމަށް މަސައްކަތްތައް ފަށާފައިވާ ކަމަށް އެންވަޔަރމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ. މި މަސައްކަތުގެ ތެރެއިން މިހާރުވެސް ރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށްރަށުގައި މަސައްކަތްތައް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.