އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބަކަށް ދާނީ ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ބޭލުމަށް ފަހު އިލެކްޝަންސް ކޮމިޝަން ވެސް މިނިވަންކޮށްފައި ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
ސަރުކާރާ އިދިކޮޅު ފަރާތްތަކުން މ.ކުނޫޒު ކުރިމަތީ ހޯމަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާގައި ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގަބޫލުކުރާ އުސޫލުތަކެއް އިލެކްޝަންސް ކޮމިޝަނުގައި ނެތް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ މިހާރުގެ ރައީސް އަހްމަދު ޝަރީފް އެ މަގާމަށް ގެނައި ގޮތް އިދިކޮޅު ފަރާތްތަކުން ގަބޫލުނުކުރާއިރު މިނިވަން ކަމެއް ނެތް ކޮމިޝަނަކަށް ދޭނެ މައުލޫމާތެއް ވެސް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިލެކްޝަންސް ކޮމިޝަނަށް އަޅުގަނޑުމެން ދަންނަވާލަން އޮތީ ތިއީ މިނިވަން މުވައްސަސާއެއް ނޫނޭ. ތިޔައީ ރައްޔިތުންގެ މަޖިލީހުގައި ވަކި މީހެއްގެ ބާރާ ނުފޫޒުން ރާއްޖޭގެ ސިފައިންގެ މަދު ބަޔަކު ހިސޯރުކޮށްފައި އޮތް ތަނަކުން ގެނެސްފައިވާ ބަދަލެކޭ. ތިޔަ ބަދަލު އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ،" ސަމީރު ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނެރޭ ކެނޑިޑޭޓު ހުރީ ވަރަށް ކައިރީގައި ކަމަށާއި އެހެން ނަމަވެސް އިންތިހާބަކަށް ދާނީ ރައީސް ޔާމިންގެ ވެރިކަން ނިންމުމަށްފަހު އިލެކްޝަންސް ކޮމިޝަންވެސް މިނިވަންވެސް ކޮށްފައި ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ހުއްޓާނުލައި ކޮންމެ ރެއަކު އިހްތިޖާޖުތައް ކުރިއަށް ގެންދިއުމަކީ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމުގެ ހެއްކެތް ކަމަށްވެސް ސަމީރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ހައްޔަރު ކޮށްފައި ތިބި މީހުންނާ އެމީހުންގެ އާއިލާތައް ބައްދަލު ކުރެވޭނީ މަހަކު އެއްފަހަރު ކަމަށް ނިންމުމަކީ އިންސާނިއްޔަތާ ހިލާފު އަމަލެއް ކަމަށާއި އެކަން ކުރަނީ ކުރާ އަނިޔާތައް ފޮރުވުމަށް ކަމަށެވެ.
"އިންސާނިއްޔަތާ ހިލާފު އަމަލުތައް ޖަލުތަކުގައި ހިންގުމަށްޓަކައި ގަވައިދުތަކާއި އުސޫލުތައް އަމިއްލައަށް ހައްދަވައިގެން ގާނޫނުން ބޭރުން އެކަންތައް ކުރަމުންދާނީ އަޅުގަނޑުމެން ގުޅިފައިވާ ޕާޓީތަކުން މި ދަންނަވަނީ އެކަން ކަން ހުއްޓުވާނަމޭ، އިރާދަ ކުރެއްވިއްޔާ މި އަނިޔާވެރިކަން ހުއްޓުވުމަށްފަހު އަދި ރައީސް ޔާމިން ބޭލުމަށްފަހު ނޫނިއްޔާ އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން،" ސަމީރު ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް އޭނާ ވިދާޅުވީ ރައީސް ޔާމިން ގާނޫނީ އިމުގެ ތެރެއިން ގޮޅިއެއްގައި ހައްޔަރުކުރެވޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނާއެކު ކުރާނެ މަޝްވަރާއެއް ނެތް މޭރުމަކުން ސަމީރު ވާހަކަ ދައްކަވާފައި ވާއިރު އިލެކްޝަނުން ދަނީ ވަކި ވަކި ސިޔާސީ ޕާޓީތަކާ ވާހަކަ ދެއްކުމަށް މަސައްކަތް ކުރަމުންނެވެ.