ރާއްޖޭގެ ދެކުނުން މަސްވެރިކަން ކުރި ދޯންޏަކުން، މިފްކޯއަށް މަސް ނުކިރި ދިމާވި މައްސަލަތަކާ ގުޅިގެން، ބޭނި މަސްކޮޅު ކަނޑަށް އުކާލައިފިއެވެ.
ކަނޑަށް މަސް އުކާލީ ރާއްޖޭގެ ދެކުނުގައި ހޯމަ ދުވަހު މަސްވެރިކަން ކުރި ލ. ގަމު މަސް ދޯންޏަކުންނެވެ. އެ ދޯނިން ޓަނަކަށް ވުރެ ގިނަ މަސް ކަނޑަށް އުކާލާފައިވެއެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އެ ދޯނިން ވާހަކަ ދެއްކި މަސްވެރިޔަކު ރާއްޖެއެމްވީއަށް ބުނީ ކަނޑަށް މަސް އަޅަން މަޖުބޫރުވީ މިފްކޯއިން މަސްވެރިންނަށް ކުރިމަތިކޮށްފައިވާ ހަރުކަށި އުސޫލުތަކާ ގުޅިގެން ކަމަށެވެ. އެގޮތުން މަސް ކިރުމުގައްޔާއި މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމުގައި މިފްކޯއިން ދަތިތަކެއް ކުރިމަތިކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ގއ. ކުއްޑޫއަށް މަސް ކިރުމުން، ވަގުތުން ފައިސާ ނުލިބޭ ކަމަށެވެ. ފައިސާ ނުލިބުމުގެ ސަބަބުން އައިސް ގަތުމުގައި ދައްޗާ ކުރިމަތިވެ، ދުވަހުން ދުވަކަށް ކުރަންޖެހޭ ހަރަދުތައް ނުކުރެވި މަސްވެރިންނަށް ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. މިފްކޯއަށް މަސް ކިރުވުމަށް މަޖުބޫރު ކުރަމުންދާ ކަމަށާއި މަސް ކިރުވުމުން ނޫނީ އެ ކުންފުނިން އައިސް ދޫނުކުރާ ކަމަށް އޭނާ ބުންޏެވެ.
މިފްކޯއިން އައިސް ދޫކުރަނީ ހަމައެކަނި މަސް ކިރުވާ ދޯނިތަކަށް ކަމަށް އޭނާ ބުންޏެވެ.
މިފްކޯއަށް މަސް ނުކުރުވިގެން، ކަނޑަށް މަސް އުކާލި ވީޑިއޯ ވަނީ އާންމުވެފައެވެ. އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުން ބޮޑެތި ގޮދާތަކެއް މަސްވެރިއަކު ކަނޑަށް އުކާލާ މަންޒަރުފެނެވެ. ގޮދާއަކީ ކަނޑު މަސްވެރިކަމުގައި އެންމެ އަގުހުރި މަހުގެ އެއް ބާވަތެވެ. މާލޭގެ ބާޒާރުގައި ގޮދައެއްގެ އަގު 300 ރުފިޔާއަށް އަރައެވެ.
މިފްކޯއަށް މަސް ނުކިރުވިގެން، މަސް އުކާލަން މަޖުބޫރުވެފައި ވަނީ މިފަހަރު އެފަދަ މައްސަލައެއް ކުރިމަތިނުވާނެ ގޮތަށް ކުންފުނީގެ މަސައްކަތް އިންތިޒާމުކޮށްފައިވާ ކަމަށް ބުނިތާ އެއް ދުވަސް ވެސް ނުވަނީސްއެވެ.
މިފްކޯގެ ސީއޯއޯ ރަމްޒީ އަބޫބަކު ރާއްޖެއެމްވީއަށް ހޯމަ ދުވަހު ވިދާޅުވީ މަސް ނުކިރުވުގެން މިދިޔަ އަހަރު ކަނޑަށް މަސް އަޅަން ޖެހުނު ނަމަވެސް މިފަހަރު އެފަދަ މައްސަލައެއް ކުރިމަތިނުވާނެ ކަމަށެވެ.
ރާއްޖޭގެ ދެކުނަށް ވަނީ މަސްވެރިކަން ރަނގަޅުވެ، ރެކޯޑު އަދަދަކަށް ދަނީ މަސް ބާނަމުންނެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ވަނީ 700 ޓަނުގެ މަސް މިފްކޯއަށް ކިރުވާފައެވެ.