ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑޮކްޓަރުކަން ކިޔެވުމުގެ ފުރުސަތު ޤައުމީ ޔުނިވަރސިޓީން ހުޅުވާލައިފިއެވެ.
އެމްއެންޔޫއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ ޖުލައިމަހު އެ ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި އެމްބީބީއެސް ކޯސް ހިމެނުމަށް ވަނީ ހަމަޖައްސާފައެވެ. އަދި އެ ކޯހަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، އެ ކޯހަށް ފޯމު ބަލައިގަންނާނީ މިމަހުގެ 22 ވާ އާދިއްތަ ދުވަހުން ފެށިގެން 14 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށް އިއުލާނުގައި ވެއެވެ.
ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާ ބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެ ކަމަށާއި އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުމުން ލިބޭނެ ކަމަށް ވެސް ޤައުމީ ޔުނިވަރސީޓީން ވަނީ ބުނެފައެވެ.
ޖުމްލަ 50 ޖާގަ ހުޅުވާލާފައިވާ މިފުރުސަތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ޖީސީއީ އޭލެވެލްއިން ތިން މާއްދާ އާއި އޯލެވެލްއިން 5 މާއްދާއިން މަދުވެގެން ފާސްވާން ޖެހެއެވެ. ފާސްވެފައިވާ މާއްދާތަކުގެ ތެރޭގައި ކެމިސްޓްރީ، ބައޮލޮޖީ، ފިޒިކްސް، އަދި ހިސާބާއި އިނގިރޭސި ފަދަ މާއްދާތައް ހިމެނެއެވެ.
ފުލް ޓައިމްކޮށް 5 އަހަރު ދުވަހަށް ހިންގުމަށް ހަމަޖެހިފައިވާ މި ކޯހުގައި 10 ސެމިސްޓަރއެއް ހިމެނެއެވެ. އަދި 1 އަހަރުގެ އިންޓަރންޝިޕެއް ވެސް ހިމެނެއެވެ.
މި ކޯސް ކުރިއަށް ގެންދާނީ ޔުނިވާސިޓީގައި އަލަށް އުފައްދާ މެޑިކަލް ސްކޫލްގެ ދަށުންނެވެ. މިއީ ޕާކިސްތާނުގެ އެހީގައި ގާއިމުކުރާ ސްކޫލެކެވެ. ސްކޫލްގެ ކިޔެވުން ކުރިއަށް ގެންދިއުމަށް އަލަށް އިމާރާތްކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ދެ ބުރި ވަނީ ހާއްސަކޮށްފައެވެ. އޭގެ ތެރެއިން އެއް ބުރީގައި ލެބޯޓްރީއެއް ގާއިމުކުރުމަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. މެޑިކަލް ސްކޫލް ގާއިމުކުރުމަށް ޕާކިސްތާނުން ވަނީ ފަސް މިލިއަން ޑޮލަރު (77.1 މިލިއަން ރުފިޔާ) ރާއްޖެ އަށް ދީފައެވެ. އަދި އެކަމަށް ބޭނުންވާ ސާމާނު ވެސް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށް ވެއެވެ.
ޔުނިވާސިޓީން ކުރިން މައުލޫމާތު ދީފައިވާ ގޮތުގައި ޝަރުތު ހަމަވާ ނަމަ ޖާގަ އޮތް މިންވަރަކުރުން ކުދިންނަށް ފުރުސަތު ދޭނެ ކަމަށާއި ފުރުސަތު ދޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ހުށަހަޅާ 50 ދަރިވަރުންނަށެވެ. ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމުކުރާ މެޑިކަލް ސްކޫލްގެ މަސައްކަތް ނިމެންދެން ކިޔެވުން ކުރިއަށް ގެންދާނީ ޔުނިވާސިޓީގައެވެ.
ރާއްޖޭގައި ޑޮކްޓަރުކަން ކިޔެވުމަށް ހާއްސަކޮށްގެން 50 ދަރިވަރަކަށް ލޯނުގެ ފުރުސަތު ދިނުމަށް މީގެ ކުރިން ވަނީ ހުޅުވާލާފައެވެ. އެމްބީބީއެސް އަށް ކިޔެވުމުގެ ފުރުސަތަށް ދޭ މި ލޯނުގެ މުއްދަތު މިހާރު އިތުރުކޮށްފައިވާ އިރު މުއްދަތު ހަމަވާނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.