އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ޚާއްސަކޮށްގެން "އޭޑީކޭ އެޓް ހޯމް" ގެ ނަމުގައި އާ ސިއްހީ ހިދުމަތެއް ތައާރަފްކޮށްފިއެވެ.
އޭޑީކޭގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ޚިދުމަތް ތައާރަފްކޮށްދެއްވަމުން އެ ހޮސްޕިޓަލްގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ، މިޚިދުމަތަކީ، 65 އަހަރުން މަތީގެ މީހުންނަށް ގޭގައި ތިބެގެން އޭޑީކޭގައި ދެމުންދާ ހުރިހާ ފަރުވާއެއް ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ.
މި ޚިދުމަތުގައި ބައިވެރިވެވޭނީ، ޚިދުމަތަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން އޭޑީކޭގެ ޓީމެއް ގޮސް އެސެސްމެންޓެއް ހަދައި އެ ފަރާތަކީ މި ޚިދުމަތަށް އެލިޖެބަލް ފަރާތެއްތޯ ބެލުމަށް ފަހުއެވެ. އޭޑީކޭގައި މި ޚިދުމަތް ތައާރަފްކޮށްފައި މި ވަނީ މިޚިދުމަތް ދެމުން އަންނަ ބައެއް ގައުމުތަކަށް ޑޮކްޓަރުންގެ ޓީމެއް ޒިޔާރަތްކޮށް އެކަން ހިނގާ ގޮތް ބަލައި ތަމްރީން ލިބިފައި ތިބި ޚާއްސަ ޓީމަކުންނެވެ.
މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލު ވިދާޅުވީ މި ޚިދުމަތް ހޯދާ ފަރާތްތައް ބެހިގެން ދާނީ ތިން ގުރޫޕަކަށް ކަމަށެވެ. އެގޮތުން ކުޑަކޮށް ފަރުވާދޭން ޖެހޭ ފަރާތްތަކަށް ގްރީން، ބޮޑަށް ޚިދުމަތް ދޭންޖެހޭ ނަމަ ޔެލޯ އަދި ވަރަށް ބޮޑަށް ބަލި މީހުންނަށް ރެޑް، މި ތިން ގްރޫޕަށް ހިދުމަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތައް ބެހިގެންދާނެ ކަމަށް އައްފާލު ވިދާޅުވިއެވެ.
މި ޕެކޭޖްތަކުގެ ތެރެއިން ގްރީން ޕެކޭޖަށް އެދި ރަޖިސްޓްރީކުރުމަށް 4500ރ. ދައްކަން ޖެހޭއިރު މަހަކު މި ޕެކޭޖަށް ދައްކަން ޖެހެނީ 900ރ. އެވެ. ޔެލޯ އަށް ރަޖިސްޓްރީ ކުރުމަށް 4000ރ. ދައްކަންޖެހޭއިރު މަހަކު މި ޕެކޭޖަށް ދައްކަން ޖެހެނީ 1200ރ. އެވެ. އަދި އެންމެ ބަލި މީހުންނަށް ޚާއްސަ ރެޑް ޕެކޭޖްގެ ރެޖިސްޓްރޭޝަންއަށް 3500ރ. ދައްކަން ޖެހޭއިރު މަހަކު މި ޕެކޭޖަށް 1500ރ. ދައްކަން ޖެހެއެވެ.
އޭޑީކޭ އެޓް ހޯމްގެ ހިދުމަތުގައި ތިބޭ 65 އަހަރުން މަތީގެ މީހުންނަށް އެކަށީގެންވާ ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް އެ ޕެކޭޖަކާ ގުޅޭ ގޮތުން ގޭގެއަށް ގޮސް ބަލިމީހާއަށް ޚިދުމަތް ދެމުން ގެންދާނެއެވެ. އެގޮތުން ބަލިމީހާގެ ލެބޯޓްރީ ޓެސްޓްތަކަށް ބޭނުންވާ ސާމްޕަލް ފަދަ ތަކެތި ވެސް ހޮސްޕިޓަލަށް ނައިސް ނެގޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އަދި ބައެއް ކަހަލަ މެޝިނަރީސް ވެސް ގެއަށް ގެންދަން ޖެހޭ ނަމަ ގެންދާ ގޮތަށް އެކަމަށް ޚާއްސަ ޕޯޓަބަލް މެޝިނަރީޒް މިހާރު ހުރީ އޭޑީކޭއަށް ގެނެސްފައި ކަމަށް މެނޭޖިން ޑިރެކްޓަރު އައްފާލް ވިދާޅުވިއެވެ. މީގެ އިތުރުން ސީދާ ހޮސްޕިޓަލަށް ގެންނަން ޖެހިއްޖެ ހާލަތެއް އައިސްފި ނަމަ ވަގުތުން ގެނެސް އެޑްމިޓްކޮށް ފަރުވާ ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އޭޑީކޭގައި 65 އަހަރުން މަތީގެ ފަރާތްތަކަށް ޚާއްސަކޮށްގެން މި ފެއްޓި އާ ޚިދުމަތް އަދި އެއްވެސް ހެލްތު އިންޝޫރެންސް ސްކީމެއްގައި ކަވަރ ނުކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި އާސަންދަ އަދި އެހެނިހެން ހެލްތް ސްކީމްތަކުގެ ދަށަަށް ގެންދެވޭތޯ އެފަރާތްތަކާ އެކު މަޝްވަރާ ކުރެވެމުންދާ ކަމަށް އޭޑީކޭ އިން މައުލޫމާތުދެއެވެ.